ޚަބަރު
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދ. މީދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި މައުލޫމާތު ދިންގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫ / ނިވައި، މުޙައްމަދު ފައިޟަލް (42އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ދ. މީދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މީދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަމަށާއި، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގައި ފައިސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
އަދުގެ ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖުމްލަ 574 އޮޕަރޭޝަނެއް ހިންގާފައިވާއިރު މި ސަރުކާރުން ވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި 500 ފުލުހުންނާއެކު މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންއަކީ މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ.
އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވެ ވޭތުވެދިޔަ ތިން އަހަރު ދުވަސް ތެރޭގައި 1362.2426 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު އެ ތަކެތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ.މި ސަރުކާރުން ޑްރަގް ކެފޭގެ ގޮތުގައި 20 ޑްރަގްކެފޭ ބަންދުކޮށްފައިވާއިރު އޭގެތެރޭގައި މާލެ 15 ތަނަކާއި އައްޑޫގެ 4 ތަނެއްގެ އިތުރުން ފުވައްމުލަކު ތަނެއް ވެސް ހިމެނެއެވެ.
މީގެ އިތުރުން މި ސަރުކާރުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި އަދަބުތަކެއް ދޭގޮތަށް އެ ގާނޫނު އިސްލާހުކޮށްފައިވެއެވެ.