ދުނިޔެ
އަފްޣާނިސްތާން ބިންހެލުން: މަރުވި މީހުންގެ އަދަދު 1،400 އިން މައްޗަށް

އަފްޣާނިސްތާނަށް އައި ބިންހެލުންތަކުގެ އަސަރު--
އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް، އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ ޢަދަދު 1،400 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
މި ބިންހެލުމުގެ ސަބަބުން، އަފްޣާނިސްތާނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ގިނަ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި، މި ބިންހެލުމުގެ ބާރުމިނަކީ 6.0 މެގްނިޓިއުޑެވެ. ނަންގަރްހާރްގެ ޖަލާލާބާދު ކައިރިން މޫދުގެ އަޑިން 8 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމަކީ، އެހާ ތިލައިންއައި ބިންހެލުމަކަށް ވުމުން ގެއްލުންތައް ބޮޑުވެފައިވާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. ފުރަތަމަ ބިންހެލުމަށްފަހު، ކައިރިކައިރީގައި އިތުރު 5 ބިންހެލުމެއް ވެސް ވަނީ އައިސްފައެވެ.
މި ބިންހެލުމުގެ ސަބަބުން، އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުނާރް ޕްރޮވިންސަށެވެ. އެގޮތުން އެތަނުން 1،400 އަށް ވުރެ ގިނަ މީހުން މަރުވެ، 3،124 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަމަ އެހެންމެ، އެ ސަރަޙައްދުގެ ޖުމްލަ 5،400 އަށް ވުރެ ގިނަ ގެތައް ހަލާކުވެ ބިމާ ހަމަވެފައިވާކަމަށް ޠާލިބާން ސަރުކާރުގެ ތަރުޖަމާން، ޒަބީހުﷲ މުޖާހިދު ވަނީ ހާމަކުރައްވާފައެވެ.
ބިންހެލުމުގެ ސަބަބުން، ހިކިފަސް ކެނަލް މަގުތައް ބަންދުވެ، މުއާސަލާތީ ނިޒާމުތައް ހަލާކުވެ، ސަލާމަތީ މަސައްކަތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ. ޚާއްސަކޮށް ސޯކޭ ޑިސްޓްރިކްޓްގެ ދޭވާ ގުލް އަދި ނޫރްގަލް ޑިސްޓްރިކްޓްގެ މާޒަރް ދާރާއަށް ދިއުމަށް ހުރަސް އެޅިފައި ވެއެވެ. އަދި ބައެއް ރަށްތަކުގައި މަށީގެ އަދި ހިލައިގެ ގެތައް ވެއްޓި، ހިކިފަސް ކެނަލުން ގިނަ ގޭބިސީތަކެއް ވަނީ ވަޅުލެވިފައެވެ. ގިނަ ސަރަހައްދުތަކާ އަދިވެސް ގުޅުން ކެނޑިފައިވާތީ، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
އަފްޣާނިސްތާނަކީ ބިންހެލުމުގެ ނުރައްކާ ބޮޑު ގައުމެކެވެ. އެއީ ހިންދޫކުޝް ފަރުބަދަތަކުގައި، ބިންގަނޑު ގުޅޭ ސަރަހައްދެއްގައި އޮންނަ ގައުމެއް ކަމުން، ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބެއެވެ.