ޚަބަރު
ގދ. ފަރެސްމާތޮޑާ ސްކޫލު މުވައްޒަފުންނަށް ފުލުހުންގެ ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ޓީމް ބިލްޑިންގ ހަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުން
ގދ. ފަރެސްމާތޮޑާ ސްކޫލު މުވައްޒަފުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، މި ހަރަކާތަކީ އެ ސްކޫލުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގައި އެ ސްކޫލުގެ މުދައްރިސުންނާއި އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް 34 މުވައްޒަފުން ބައިވެރިވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ސްކޫލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގައި، ގުޅިގެން މަސައްކަތްކުރުމާއި، ލީޑަރޝިޕް ހުނަރުތަކާއި، މަސްލަހަތު ފުށުނާރާނޭގޮތަށް ކަންކަން ކުރާނެގޮތުގެ އިތުރުން، ސްކޫލު ތެރޭގައި އާންމުކޮށް ދިމާވާ މައްސަލަތަކަށް އަލިއަޅުވައި އެފަދަ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ޓީމް ބިލްޑިންގ ޙަރަކާތުގެ ދަށުން އައުޓްޑޯ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެގޮތުން، އައުޓްޑޯ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ފަސް ގުރޫޕަކަށް ބަހާލައިގެން ގޭމްތަކެއްގެ ގޮތުގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި ގޭމްތައް މެދުވެރިކޮށް، ޓީމްވޯކް، ލީޑަރޝިޕް އަދި މައްސަލަ ހައްލުކުރާނެ ގޮތުގެ އުކުޅުތައް އުނގަންނައިދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން އަންނަނީ، ރާއްޖޭގެ އެކި ސްކޫލްތަކުގެ ޓީޗަރުންނާއި، އިދާރީ މުވައްޒަފުންނާއި، ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމްތައް ހިންގަަމުންނެވެ.