ދުނިޔެ
ބުރުކިނާ ފާސޯގައި އެއްޖިންސުން ގުޅުން ހިންގުން ކުށަކަށް ހަދައިފި

ބަރުކީނާ ފާސޯގެ ރައީސް އިބްރާހިމް ޓްރައޯރޭ
ހުލާސާ
ބުރުކިނާ ފާސޯގެ ސަރުކާރުން އެއްޖިންސުން ޖިންސީ ގުޅުން ހިންގުން މަނާކޮށް، މި ކުށުގެ އަދަބެއްގެ ގޮތުގައި 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ޤައުމުގެ ސަރުކާރުގެ ބްރޯޑްކާސްޓަރުންނެވެ.
މި ޤާނޫނު ފާސްކޮށްފައިވަނީ އެ ޤައުމުގެ ވަގުތީ ސަރުކާރުގެ އައްޔަން ކުރެވިފައިވާ 71 މެންބަރުންގެ އިއްތިފާޤުންނެވެ. މި ވަގުތީ ސަރުކާރު އުފެދިފައިވަނީ 2022 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކަކަށް ފަހު، މިހާރުގެ ރައީސް އިބްރާހިމް ޓްރައޯރޭގެ ވެރިކަމުގެ ދަށުން މިލިޓަރީ ބާރު ހޯދުމަށް ފަހުގައެވެ.
އަދުލު އިންސާފުގެ ވަޒީރު އެޑާސޯ ރޮޑްރިގު ބަޔަލާ ވިދާޅުވި ގޮތުގައި، މި ކުށް ކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޖަލު އަދަބުގެ އިތުރުން، ޖޫރިމަނާވެސް ކުރެވޭނެއެވެ. އަދި ބިދޭސީން މި ކުށް ކޮށްފިނަމަ އެ ފަރާތްތައް އެ ޤައުމުން ފޮނުވާލެވޭނެއެވެ. އަދި މި ޤާނޫނަށް ވަގުތުން އަމަލުކުރަން ފެށުމަށް ވެސް ވަނީ ނިންމާފައެވެ.
މި އައު ޤާނޫނަކީ ބުރުކިނާ ފާސޯގެ އާއިލާއާއި ރައްޔިތުކަމުގެ ޤާނޫނުތަކަށް ގެނެވޭ ފުޅާ އިސްލާހުތަކުގެ ބައެކެވެ. އަދި މި ޤާނޫނާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންދެވޭނެކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ބުރުކިނާ ފާސޯއަކީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުން މަނާކުރާ އެފްރިކާގެ އެންމެ ފަހުގެ ގައުމެވެ. މިހާރު އެފްރިކާގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގައުމުތަކުގައި މި ކަމަށް ޖަލު އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައެޅިފައިވެއެވެ. އެ ސަރަޙައްދުން މާލީގައި ވެސް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިފަދަ ޤާނޫނެއް ފާސްކޮށްފައިވެއެވެ.