ދުނިޔެ
އަފްޣާނިސްތާނަށް ދެވަނަ ބިންހެލުމެއް އަތުވެއްޖެ

ބިންހެލުމާއި ގުޅިގެން އަނިޔާވި މީހެއްގެ ހަށިގަނޑު އުފުލަނީ---
އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ކުނަރު ޕްރޮވިންސްއާއި ޕާކިސްތާނުގެ ބޯޑަރު ސަރަޙައްދަށް އަންގާރަ ދުވަހުގެ ރޭ އިތުރު ބިންހެލުމެއް އައިސްފިއެވެ.
މިއީ އެތައް ބައެއްގެ ފުރާނަ ގެއްލުނު ބިންހެލުން އައިތާ އެއްދުވަސް ފަހުން އައި ވަރުގަދަ ބިންހެލުމެކެވެ.
ރޮއިޓަރޒްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގެ އިރުމަތީ ދެކުނު ސަރަޙައްދަށް އައި މި ބިންހެލުމަކީ ރިކްޓަރ ސްކޭލްގައި 5.52 ގެ ބިންހެލުމެކެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން ބުނާ ގޮތުގައި މި ބިންހެލުން އައީ ނަންގަރުހާރު ޕްރޮވިންސްގެ ޖަލަލާބާދު ސިޓީގެ އިރުމަތީ އުތުރުން 34 ކިލޯމީޓަރު ދުރުގައެވެ.
އަފްޣާނިސްތާނުގެ ސަރުކާރުގެ އިސްވެރިއެއް ޖަޒީރާއަށް ހާމަކުރި ގޮތުގައި ކުނަރު ޕްރޮވިންސްއަށް އައި ބިންހެލުމުގައި މިހާތަނަށް 1،500 މީހުންގެ ފުރާނަ ގެއްލި، 3،100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާތީ މި އަދަދު އިތުރުވެދާނެ ކަމަށް ބެލެވެއެވެ.
އިއްޔެ އައި ބިންހެލުން އައީ ރިކްޓަރ ސްކޭލްގައި 6.2 ގެ ބާރުމިނުގައެވެ. މި ބިންހެލުން އިހުސާސްކުރެވުނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބޫލްއިން ފެށިގެން ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދާ ހަމައަށެވެ. އަފްޣާނިސްތާންގެ އޮތޯރިޓީތަކުން ބުނާ ގޮތުގައި މި ބިންހެލުމުގައި 10،000 އަށް ވުރެ ގިނަ ގޭގެ މުޅިން ނުވަތަ ބައެއް ހަލާކުވެފައިވެއެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ކުނާރުގެ ތިން ރަށް ވަނީ މުޅިން ހަލާކުވެފައެވެ. އަދި އެހެން ރަށްތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މި ބިންހެލުމަކީ 2021 ގައި ޠާލިބާން ވެރިކަމަށް އައުމަށްފަހު އައި ތިންވަނަ ބޮޑު ބިންހެލުމެވެ. ކަންމިހެން އޮތް ނަމަވެސް، ބައިނަލްއަޤްވާމީ އެހީ މަދުވުމުގެ ސަބަބުން ކާރިސާތަކަށް އިޖާބަދިނުމުގެ ސަރުކާރުގެ ޤާބިލުކަން ދަށްވެފައިވާ ކަމަށް ބެލެވެއެވެ.