ދުނިޔެ

ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ޙަމާސްއިން ގޮވާލައިފި

ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ޙަމާސްއިން ގޮވާލައިފި

ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2025، 09:29

02 ސެޕްޓެމްބަރު 2025، 09:29

ޣައްޒާގައި އިސްރާއީލްގެ ހައްދުފަހަނައެޅި ސިފައިން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، މި ޖަރީމާތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް ޙަމާސް ޖަމާޢަތުން ގޮވާލައިފިއެވެ.

ޙަމާސްއިން ބުނީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ މި ޖަރީމާތަކުގައި އެމެރިކާގެ އިދާރާތަކަކީވެސް ބައިވެރިއެއް ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރާ ގާތްކުރާ މުއްދަތެއްގައި ހިނގަމުންދާ މި އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ސަލާމަތާއި ޢަދުލު އިންސާފުގެ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހުއްޓުވުމުގައި އެމެރިކާއިން ދަނީ މަސައްކަތްކުރަމުންކަމަށެވެ.

ޙަމާސްގެ މި ބަޔާން ނެރުނީ ޣައްޒާ ސިޓީގެ އައްދަރަޖް ސަރަޙައްދުގައި ހިންގި ޖަރީމާއެއްގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 10މީހުންނަށްވުރެ ގިނަ ރައްޔިތުން ޝަހީދުވުމާއި، ޚާންޔޫނިސްގެ މަވާސީ ސަރަޙައްދުގައި ހިންގި ޖަރީމާއެއްގައި 7 ކުދިންނާއެކު 11 މީހުން ޝަހީދުވުމާ ގުޅިގެންނެވެ. 

މި ޖަރީމާގައި ޝަހީދުވި ފަރާތްތަކަށް ހަމަލާ އަމާޒުކޮށްފައިވަނީ ފެން ބަލައި ގޮސް ތިއްބައި ޑްރޯންއިންނެވެ. 

އިސްރާއީލުން ދަނީ "ޣައްޒާގެ ސަރަޙައްދުތައް ގަސްތުގައި ހަލާކުކޮށް، ނަސްލު ނައްތާލުން" ހިންގަމުންކަމަށް ޙަމާސްއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ވައިގެ ހަމަލާތަކާއި، "ރިމޯޓް ކޮންޓްރޯލް ރޮބޮޓް މެދުވެރިކޮށް ގޭގެއާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ޓަނުން ގޮއްވާ ތަކެތި" އަމާޒުކުރަމުންދާކަމަށް ބުނެފައިވެއެވެ. މިއީ ބައިނަލްއަޤްވާމީ އަދި އިންސާނީ ޤާނޫނުތަކާ ޚިލާފު ޢަމަލުތަކެއް ކަމަށްވެސް ޙަމާސްއިން ފާހަގަކޮށްފައިވެއެވެ.

އިސްލާމީ އަދި ޢަރަބި ޤައުމުތަކާއި، ދުނިޔޭގެ މިނިވަން ރައްޔިތުންނަށް ޙަމާސްއިން ގޮވާލާފައިވަނީ ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްކުރުމަށާއި، މުޅި ސަރަޙައްދުގެ ސުލްޙައާއި ސަލާމަތަށް ނުރައްކާވާފަދަ އިސްރާއީލުގެ މަޝްރޫޢުތަކާ ދެކޮޅަށް ވަކާލާތުކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން