ކުޅިވަރު
ޖޫނިއަރ އޯޕަން ބެޑްމިންޓަން: ރިވައިވަލްގެ ހަތަރު ކުޅުންތެރިން ސިންގަލްގެ ސެމީއަށް

ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިން ސެމީފައިނަލަށް ދަތުރުކުރި 4 ކުޅުންތެރިން، ފޮޓޯ: އަދަދު
ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން 2025ގެ އޯޕަން ކެޓަގަރީގެ ފިރިހެން ސިންގަލްސް އިވެންޓުގެ ސެމީފައިނަލުން ރިވައިވަލްގެ ހަތަރު ކުޅުންތެރިން ޖާގަ ހޯދައިފިއެވެ.
މި ބައި ކުރިޔަށް ދިޔައީ 8 ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރޫޕެއްގެ އެއް ވަނައަށްދާ ކުޅުންތެރިއަކު ކުއާޓާރފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އެގޮތުން ކުއާޓާރގެ މެޗުތަކަށް ފަހު ސެމީއިން ޖާގަ ހޯދީ ޒަޔާން ޒަކީ، ޙަަސަން ޒަޔާން، ނިބާލް އަޙުމަދު އަދި ހައިޝަމް އިބްރާޙިމް ޢަލީއެވެ.
ކުއާޓާރގައި އެންމެ ފޯރިގަދަކޮށް ދިޔައީ ނިބާލް އާއި ފިލިޕީންސްގެ ކައިލް އެޑްރިއަލް ބަސީލިއޯ ކުޅުނު މެޗެެވެ. އެ މެޗު ނިބާލް ކާމިޔާބުކުރީ އެއް ސެޓު ގެއްލިފައި ވަނިކޮށް ފަހަތުން އަރައެވެ. އެގޮތުން ފުރަތަމަ ސެޓު ކައިލް ގެންދިޔައީ 16-21 ގޭމުންނެވެ. އަދި ފަހު ދެ ސެޓު ނިބާލް ގެންދިޔައީ 21-17، 21-18 ގޭމުންނެވެ.
ކުއާޓާރގައި ހައިޝަމް އާއި ޒަޔާން ބައްދަލުކޮށްފައި ވަނީ ރިވައިވަލްގެ ދެ ކުޅުންތެރިންނާ ދެކޮޅަށެވެ. އެގޮތުން ރިވައިވަލްގެ އާދަމް މަހީންއާ ދެކޮޅަށް ހައިޝަމް ބައްދަލުކުރި މެޗު ނިމުނީ ދެ ސެޓުން ހައިޝަމް ކާމިޔާބުކޮށްގެންނެވެ.
ޒަޔާން ބައްދަލުކުރީ ހޫދު ބިން ހާމިދުއާއެވެ. އެ މެޗުގެ ދެ ސެޓު 08-15އިން ކާމިޔާބުކުރީ ޒަޔާންއެވެ.
އޯޕަން ކެޓަގަރީގެ ފިރިހެން ސިންގަލްސް އިވެންޓުގެ ސެމީފައިނަލުގެ ދެ މެޗު މިރޭ ކުޅޭނެއެވެ. ސެމީގައި ނިބާލްއާ ދެކޮޅަށް ކުޅޭނީ ހައިޝަމްއެވެ. އަދި ޒަޔާން ޒަކީ ސެމީގައި ކުޅޭނީ ހަސަން ޒަޔާންއާ ދެކޮޅަށެވެ.
މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 6 އަށް ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 09:00 އަށެވެ.
މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި ކުޅެމުންދާ މި މުބާރާތުގައި ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންވެސް ވާދަކުރެއެވެ.