ކުޅިވަރު
މެންޗެސްޓަރ ސިޓީއިން ފަހު ވަގުތު ޑޮނަރުއްމާގެ ސޮއި ހޯދައިފި

ޖިއަންލުޖީ ޑޮނަރުއްމާ---
"ސަމާރ ޓްރާންސްފަރ ވިންޑޯ"ގެ ފަހު ދުވަހު މެންޗެސްޓަރ ސިޓީއިން އިޓަލީގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ޖިއަންލޫޖީ ޑޮނަރުއްމާގެ ސޮއި ހޯދައިފިއެވެ.
މި ސީޒަންގައި މިހާތަނަށް ސިޓީގެ ގޯލު ބަލަހައްޓަމުން އައީ ވެސް އެ ޓީމާ ފަހުން ގުޅުނު ޖޭމްސް ޓްރަފޯޑްއެވެ. އަދި އޭނާއަކީ އާދިއްތަ ދުވަހު ސިޓީއިން ބްރައިޓަންއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ހިންހަމަ ޖެހޭފަދަ ކުޅުމެއް ދެއްކުނު މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއަކަށް ވީނަމަވެސް، ޑޮނަރުއްމާ އައުމާއެކީ އޭނާއަށް ފުރަތަމަ 11ގެ ޖާގަ ގެއްލޭނެއެވެ.
ސިޓީއަށް ގޯލްކީޕަރެއް މުހިންމުވީ، އެ ޓީމަށް ކުޅެމުންދިޔަ ބްރެޒިލްގެ އެޑަސަން ތުރުކީގެ ފެނަބާޗޭއަށް ބަދަލުވުމުންނެވެ. އެހެންކަމުން، ކުޅުންތެރިން ބަދަލުވުމުގެ ދޮރު ބަންދުވުމަށް ވަގުތު ކުދަތަންވެފައި ވަނިކޮށް، ސިޓީއިން ވަނީ ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އަށް 26 މިލިއަން ޕައުންޑު ހުށަހެޅުމަށްފަހު ޑޮނަރުއްމާ ގެނަސްފައެވެ.
ސިޓީއިން ސީޒަން ފެށީ 4-0އިން ވޫލްވްސް ބަލިކުރުމަށްފަހުއެވެ. ނަމަވެސް ޖެހިގެން އައި ދެ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އެއީ ޓޮޓެންހަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅުނު މެޗާއި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ޑޮންނަރުންމާ ވަނީ ނިމިގެންދިޔަ ސީޒަނުގައި ޕީއެސްޖީން ތިން ތަށި ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭގެ ތެރެއިންވެސް އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި ޑޮންނަރުންމާގެ ހިއްސާ ބޮޑެވެ.
ނަމަވެސް އޭނާ އެ ކްލަބު ދޫކޮށްލަން ބޭނުންވުމުން، މި ސީޒަންގެ އެއްވެސް މެޗެއްގައި އޭނާ ޕީއެސްޖީއަށް ކުޅެފައެއް ނުވެއެވެ.