ކުޅިވަރު
ގުންޑޮގަން އަނެއްކާ ވެސް މެންޗެސްޓަރ ސިޓީ ދޫކޮށްލައިފި

ގުންޑޮގަން ގަލަޓަސަރާއީއަށް ބަދަލުވީ ގިނަ ވަގުތު ކުޅުމުގެ ފުރުސަތު ބޭނުންވުމުން، ފޮޓޯ: ގެޓީ އިމޭޖަސް
އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުންދިޔަ ޖަރުމަނުގެ ތަޖުރިބާކާރު މީޑްފީލްޑަރ، އިލްކޭ ގުންޑޮގަން ދެވަނަ ފަހަރަށް އެ ކްލަބު ދޫކޮށްލައިފިއެވެ.
ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވުމަށްފަހު އެ ޓީމަށް އެންމެ ފުރަތަމަ ގެނައި ކުޅުންތެރިއަކީ ގުންޑޮގަންއެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާއި ހަމައަށް އޭނާ ވަނީ އެ ޓީމަށް ކުޅެފައެވެ.
އެއަށްފަހު އެއް ސީޒަންގައި ބާސެލޯނާއަށް ކުޅުމަށްފަހު ގުންޑޮގަން ސިޓީއަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި، މިހާރު އުމުރުން 34 އަހަރުގެ ގޮންޑޮގަން ގިނަ ވަގުތު ކުޅެން ބޭނުންވުމުން، އޭނާ ބޭނުންވީ ފުރަތަމަ 11އިން ޖާގަ ލިބޭނެ ރަގަޅު ޓީމަކަށް ބަދަލުވުމަށެވެ.
އެގޮތުން ސެޕްޓެންބަރު 12ގެ ކުރިން ކުޅުންތެރިން ބަދަލުވުމުގެ މުއްދަތު ތުރުކީގައި ހަމަވުމުގެ ކުރިން އޭނާ ގުޅުނީ އެ ޤައުމުގެ ގަލަޓަސަރާއީއާއެވެ. ގުންޑޮގަންއަކީ ޖަރުމަނަށް އުފަން ނަމަވެސް، ތުރުކީގެ ދެމަފިރިންނަށް ލިބުނު ދަރިއެކެވެ.
އިންސްޓަގްރާމްގައި ޕޯސްޓުކުރި ވަދާއީ މެސެޖުގައި ގުންޑޮގަން ބުނީ، އޭނާގެ ހިތުން ދުވަހަކު ވެސް ސިޓީގައި އޭނާ ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް ނުފޮހެވޭނެ ކަމަށެވެ.
ގުންޑޮގަން ވަނީ ސިޓީއަށް ޖުމްލަ 358 މެޗު ކުޅެ، 65 ގޯލު ކާމިޔާބުކޮށްފައެވެ.
ގުންޑޮގަންގެ މެސެޖުގައި އިތުރަށް ބުނީ، ސިޓީއާއެކު ޕްރިމިއަރ ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރެވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، އޭގެއިތުރަށް ކްލަބު ތާރީހުގައި އަލަށް އިސްތާންބޫލްގައި ޗެމްޕިއަންސް ލީގު އުފުލާލެވުމަކީ އެންމެ ބޮޑު އުފާކަމުގައެވެ.
ގުންޑޮގަންގެ އިތުރުން، ސިޓީގެ ގޯލްކީޕަރު އެޑަރސަން ވެސް ވަނީ ތުރުކީއަށް ބަދަލުވެފައެވެ. އޭނާ ފެންނާނީ ފެނަބާޗޭއިންނެވެ.