Ads by Stelco

ޚަބަރު

ހިޔާގައި ލިފްޓް ހަރުކުރުމުގެ %66 މަސައްކަތް ނިމިއްޖެ: އެޗްޑީސީ

ހިޔާގައި ލިފްޓް ހަރުކުރުމުގެ %66 މަސައްކަތް ނިމިއްޖެ: އެޗްޑީސީ

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2025، 10:34

03 ސެޕްޓެމްބަރު 2025، 10:34

ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ. 

އެގޮތުން އެންމެ އަވަހަށް ދެން ޚިދުމަތް ފަށާނީ ޓަވަރު 3 އަދި 4 ގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެޗްޑީސީން ދެއްވި މަޢުލޫމާތުގައި، މުޅި މަޝްރޫޢުގެ ތެރެއިން ޓަވަރުތަކުގެ ލިފްޓް ސްޓްރަކްޗަރގެ މަސައްކަތްތަކުގެ 43 އިންސައްތަ އާއި ލިފްޓް އިންސްޓޯލްކުރުމުގެ 38 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ޓަވަރު 1 އަދި 2 ގައި ލިފްޓް ބަހައްޓައި ނިމި، މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. ނަމަވެސް މި ލިފްޓްތަކުގައިވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ އެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ޓަވަރު 3 އިން 9 އަށް ހުރި ޓަވަރުތަކުގެ ލިފްޓް ބެހެއްޓުމަށް ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިމިފައެވެ. މީގެ ތެރެއިން ޓަވަރު 3 އަދި 4 ގައި ލިފްޓް ހަރުކޮށް، ފިނިޝިންގ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. އަދި ޓަވަރު 5-6 ގައި ލިފްޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޓަވަރު 7-12 އަށް ސްޓީލް ސްޓްރަކްޗަރގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

މި މަޝްރޫޢުގެ ދަށުން ހިޔާގެ ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. އަލަށް ބަހައްޓާ ލިފްޓްތަކަކީ ބަލިމީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. އަދި ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް އެނގޭނެހެން މި ލިފްޓުތަކުގައި ފްލޯ ނަންބަރު ބްރެއިލްއިންވެސް ހުންނާނެއެވެ.

ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ހަވާލުކޮށްގެންނެވެ. 6,720 ހައުސިންގ ޔުނިޓް ހިމެނޭ ހިޔާ މަޝްރޫޢުގެ ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕާޓްމަންޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގެ އާބާދީ 2,000 އާ ގާތްކުރެއެވެ. ސަރުކާރުން މަސައްކަތްކުރަނީ މި އަހަރުގެ ތެރޭގައި، ހިޔާގެ ޓަވަރުތަކަށް ލިފްޓް އިތުރުކުރުމުގެ މަސައްކަތްތައް ނިންމާލުމަށެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން