ޚަބަރު
ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި/ފޮޓޯ: ފުލުހުން
ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ތަކެތި ހޯދާފައިވަނީ ތުޅާދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުއްގައި ކަމަށެވެ.
މި މަހުގެ 2 ވަނަ ދުވަހު ތުޅާދޫ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުގައި އޮތް ފެރީ ލޯންޗަކަށް އަރައި ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅު ތަކެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6.73 ގުރާމެވެ. މި ތަކެތި ފެނިފައިވަނީ ފެރީގައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށާއި، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.