ޚަބަރު
ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހޯދައިފި

ބިދޭސީންތަކެއް/ފޮޓޯ: ސަން އޮންލައިން
ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހޯދާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވީ، މި ޢަދަދަކީ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުން ނުދައްކާ ހުރި ފައިސާގެ ތެރެއިން ހޯދާފައިވާ ބައެއް ކަމަށެވެ.
ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ބިދޭސީންގެ ފީގެ ގޮތުގައި 1.7 ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުލިބި އޮތް ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން މިހާތަނަށް ވޯކް ޕާމިޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ރިކަވާރ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަދަދުގެ ތެރޭގައި ކޯޓާ ފީއާއި، ޖޫރިމަނާ ފީގެ އިތުރުން، ސާވިސް ފީ ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަޖީދު ވިދާޅުވީ، ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން އެއް އަހަރުގެ ތެރޭގައި 160،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށެވެ. ހަމަ މިއާއެކު، ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރުމަށްޓަކައި އިތުރުކުރި ދިން މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ފަރާތްތައް ޕޯޓަލުން ޚިދުމަތް ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށް މަޖީދު ވިދާޅުވިއެވެ.
ހަމަ މިއާއެކު، ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި އެ ވުޒާރާއިން ދެމުން ގެންދަވާ އިރުޝާދާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.