ޚަބަރު
ވ. ފެލިދޫ އާއި އެ އަތޮޅު ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ވ. ފެލިދޫ އާއި އެ އަތޮޅު ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ
ވ. ފެލިދޫ އާއި އެ އަތޮޅު ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް، ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫޢުއަކީ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.
އަދި މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީ އާއި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ދެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ނިންމުމަށް ވެސް ދީފައި ވަނީ 120 ދުވަހުވެ. އަދި މި ދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 3,835,321.49ރ (ތިންމިލިއަން އަށްލައްކަ ތިރީސްފަސްހާސް ތިންސަތޭކަ އެކާވީސް ރުފިޔާ ސާޅީސްނުވަ ލާރި) އެވެ.
Ministry of Tourism and Environment has signed 2 contracts to build Island Waste Management Centres in V. Felidhoo and V. Thinadhoo. This initiative is funded by ADB & the Government of Maldives. pic.twitter.com/H7mzqmsMFV
— Ministry of Tourism and Environment (@MoTmv) September 3, 2025
ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަހްމަދު ނިޒާމެވެ.
މިދެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތަށް ޤާއިމުކުރުމުގެ މަސައްކަތް މިއަދު ހަވާލުކުރިނަމަވެސް، ކުނި މެނޭޖްކުރުމަށް މި ރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ މީގެކުރިން އެ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. އެގޮތުން މީގެ ތެރޭގައި ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕަރ ހިމެނޭކަމުގައި ފާހަގަކުރެވެއެވެ.