ކުޅިވަރު
ސުޕަރކަޕަށް ރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމު ލަންކާއަށް ފުރައިފި

ޓީމަށް ހިތްވަރު ދެއްވުމުގެ ގޮތުން މާލޭ ބަސް ޓާރމިނަލަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ވަޑައިގެންނެވުން، ފޮޓޯ: ޕީއެސްއެމް ނިއުސް
ސްރީލަންކާ އާއި ރާއްޖެ ކުޅޭ ސުޕަރކަޕަށް ރާއްޖޭގެ ސީނިއާ ޤައުމީ ޓީމު މިއަދު ހެނދުނު ސްރީލަންކާއަށް ފުރައިފިއެވެ.
ޓީމަށް ހިތްވަރު ދެއްވުމުގެ ގޮތުން މާލޭ ބަސް ޓާރމިނަލަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢު އާއި އޭފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤުގެ އިތުރުން އެފްއޭއެމްގެ އިސްވެރިން ވަޑައިގެންނެވިއެވެ.
ރާއްޖެ އާއި ލަންކާ ކުޅޭ ފުރަތަމަ އޮންނާނީ މާދަމާއެވެ. އަދި ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހެވެ. މި މެޗުތައް ކުޅޭނީ ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގައެވެ.
ލަންކާއިން ރޭވި ސުޕަރކަޕަކީ އެ ޤައުމުގެ ސީނިއަރ ޓީމުން ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވުމަށް ރޭވި މުބާރާތެކެވެ. އެގޮތުން މި މުބާރާތް ހަތަރު ޤައުމުގެ މެދުގައި ކުޅުމަށް މަސައްކަތް ކުރިނަމަވެސް، ފަހު ވަގުތު މުބާރާތަށް ދާން ނިންމީ ރާއްޖޭގެ ޓީމުން އެކަންޏެވެ.
6 ދުވަހުގެ ފަރިތަކުރުންތަކަށްފަހު މި މެޗަށް ޤައުމީ ޓީމު ނިކުންނައިރު ރާއްޖޭގެ ތަޖްރިބާކާރު ގިނަ ކުޅުންތެރިން ހިމެނޭ ޤައުމީ ޓީމުގެ އައު ކޯޗަކީ މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. އެސިސްޓަންޓް ކޯޗުންނަކީ އަޙްމަދު ޝާކިރު (ޝާކިއްޓެ) އާއި އަޙްމަދު ސުޒެއިރު (ކޮއްކޮ)އެވެ.
ޤައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ކުރީގެ ޤައުމީ ކީޕަރުން ކަމަށްވާ އަސްލަމް ޢަބްދުއްރަޙީމް އާއި އިމްރާން މުޙައްމަދެވެ. ޓީމުގެ މެނޭޖަރަކީ ޓީސީ ސްޕޯޓްސްގެ ކުލަބުގެ އަޙުުމަދު އައްބާސްއެވެ.