ދުނިޔެ
ނައިޖީރިއާގައި ބޯޓެއް ބަންޑުން ޖަހައި، 60 މީހުން މަރުވެއްޖެ

ނައިޖިރިއާގެ ޗާޓު.

ފަރުދުން
04 ސެޕްޓެމްބަރު 2025، 09:49
04 ސެޕްޓެމްބަރު 2025، 09:49
ނައިޖީރިއާގެ މެދު-އުތުރު ގައި އޮންނަ ނައިޖަރ ސްޓޭޓް ގައި ބޯޓެއް ބަންޑުން ޖަހައިލުމުގެ ސަބަބުން ގާތްގަނޑަކަށް 60 މީހުން މަރުވެފައިވާ ކަމަށް އެޤައުމުގެ ރަސްމީ މަޞްދަރުތަކުން ހާމަކޮށްފިއެވެ. 100 ފަސިންޖަރުންނާ އެކު މިދިޔަ އަންގާރަ ދުވަހު 11:00 ގައި ދަތުރަށް ފެށި މި ބޯޓު ދަތުރު ކުރަމުން ދިޔައީ މަލާލޭ ސަރަޙައްދުގެ ޓުންގަން އަވަށުން ކައިންޖީ ރެސަވޮއަރ ގައި އޮންނަ ޑުއްގާ އަވަށަށެވެ. މިޙާދިޘާގައި 60 ވަރަކަށް މީހުން މަރުވެފައިވާ އިރު، އެތައް ދޮޅަސް ބަޔަކު ސަލާމަތްކުރެވިފައިވާ ކަމަށް މީޑިޔާތަކުން ބުނެއެވެ.
ނައިޖަރ ސްޓޭޓް އިމަރޖެންސީ މެނޭޖްމެންޓް އޭޖެންސީ (އެން.އެސް.އީ.އެމް.އޭ.) އިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި، މިޙާދިޘާ ހިނގަން މެދުވެރިވި ސަބަބަކީ ފެނުއަޑީގައި ހުރި ގަސްބުޑެއްގައި ބޯޓު ޖެހުމެވެ. އެ ގަސްބުޑުގަނޑު ހުރީ ބޮރްގޫ ސަރުކާރު ސަރަޙައްދުގައި އޮންނަ ގައުސަވާ ކޮނިޔުނިޓީ ކައިރީގައި ކަމަށް އެ އޭޖެންސީ އިން މަޢުލޫމާތު ދެއެވެ. އެ އޭޖެންސީ އިން އިތުރަށް ހާމަކުރި ގޮތުގައި، ބަންޑުން ޖަހާލި ބޯޓުގައި އަންހެނުންނާއި ކުޑަކުދީން ވެސް ތިއްބެވެ. އެބޯޓު ދަތުރުކުރަމުން ދިޔައީ "ތަޢުޒިޔާގެ ދަތުރެއްގައި" ކަމަށް އެ އޭޖެންސީ އިން ބުނެއެވެ.
އެން.އެސް.އީ.އެމް.އޭ. ގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ބާބާ އަރާ ވިދާޅުވި ގޮތުގައި، ބޯޓު ފުރޮޅާލުމުގައި ނުފެނި ގެއްލިފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން އަންނަނީ ކުރަމުންނެވެ. "ވަރަށް ނާޒުކު ޙާލެއްގައި ވީ 10 މީހުން ފެނިފައިވޭ. އަދި ވެސް ގިނަ ބަޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން." ޢަބްދުﷲ ވިދާޅުވިއެވެ.
ޙާދިޘާ ހިނގިތާ ކުޑަ އިރުކޮޅެއް ތެރޭގައި އެތަނުގައި ހުންނެވި ސަޢަދު އިނުވާ މުޙައްމަދު ވިދާޅުވީ، އެ ބޯޓު ދަތުރުކުރަމުން ދިޔައީ 100 ފަސިންޖަރުންނާ އެކުގައި ކަމަށެވެ. "މަރުވެފައިވާ 31 ހަށިގަނޑު ކޯރުން އަޅުގަނޑުމެން ނެގިން. ބޯޓު ވެސް ނަގައި އެހެން ތަނަކަށް ގެންދެވިފައި ވަނީ." ސަޢަދު ވިދާޅުވިއެވެ. ސަޢަދު މަޢުލޫމާތު ދެއްވި ގޮތުގައި، ނިޔާވި ފަރާތްތަކުގެ ތެރެއިން ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ. މަރުވި 60 މީހުންގެ ތެރެއިން 4 މީހުންގެ ކަށުކަމާކެމީގެ ކަންކަން ނިންމައި، ވަޅުލައިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.