ދީން
ރަސޫލުﷲ ﷺ ގެ ޚުލްޤުފުޅުގެ ނަމޫނާ

ރަސޫލުﷲ ﷺ ގެ ޚުލްޤުފުޅުގެ ނަމޫނާ
ވޭތުވަމުން މިދަނީ ރަބީޢުއްނޫރުގެ މައްސަރެވެ. ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲ ގެ ފާނުގެ ނޫރުފުޅުން މިދުނިޔެއަށް އަލިކަން ގެނެސްދިން މައްސަރެވެ. އަދި މިއަދަކީ ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުން އުފަންފުޅު ވީ ދުވަސް ކަމުގައި ސީރަތުގައި މަޝްހޫރު ވެގެން ވާ ބާރަ ދުވަހެވެ.
އަޅުގަނޑުމެންގެ މާތް ޞާޙިބާ ﷺ މިދުނިޔެއަށް ފޮނުއްވުމުގެ އެންމެ މުހިންމު މަޤުޞަދު ބަޔާންކުރައްވަމުން އެކަލޭގެފާނުން ޙަދީޘްފުޅު ކުރައްވާފައި ވެއެވެ: "ހަމަކަށަވަރުން ތިމަންކަލޭގެފާނުން ފޮނުއްވުނީ މާތް އަޚުލާޤު ފުރިހަމަކޮށްދެއްވުމަށެވެ." ކަން މިހެން އޮތުމާއެކު، އަޅުގަނޑުމެން މުސްލިމުން އެކަލޭގެފާނުގެ މާތް އަޚުލާޤުފުޅުން ޢިބުރަތް ޙާޞިލުކޮށް، އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެމާތް ޞިފަތައް ދައްކުވައިދެވޭ މިންވަރާ މެދު މިދަނޑިވަޅުގައި ވިސްނާ ފިކުރު ކުޅައުން މުނާސިބު ކަމުގައި ދެކެމެވެ. ފަހެ ކީރިތި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:
لقد كان لكم في رسول الله أسوة حسنة
މަޢުނައީ: "ﷲގެ ރަސޫލާގެ ކިބަފުޅުގައި ތިޔަބައިމީހުންނަށް ރިވެތި ވެގެންވާ ނަމޫނާ އެއް ވާ ކަން ކަށަވަރެވެ."
ވީމާ، އަޅުގަނޑުމެންގެ މާތް ޞާޙިބާ ﷺ ގެ މާތް އަޚުލާޤާ ބެހޭ މުހިންމު މަޢުލޫމާތު މިލިޔުމުގައި ހިމަނާލާނަމެވެ. ތިރީގައި އެވަނީ މާތް ރަސްކަލާނގެ އެބޭކަލަކަށް ހެޔު ރަޙުމަތް ލެއްވި ޤުޠްބުލްއައުލިޔާ އަލްއިމާމް އައްނަވަވީ (އަވަހާރަވީ ހިޖުރައިން 676 ގައި) މިމައުޟޫޢާ ބެހޭ ގޮތުން ލިޔުއްވާފައިވާ ފަޞްލެއްގެ ދިވެހި ތަރުޖަމާއެވެ. އައްނަވަވީ އަކީ އެބޭކަލެއްގެ ޢިލްމުވެރިކަމަށް އިތުރު ތަޢާރަފެއް ބޭނުންވާ ބޭކަލެއް ނޫނެވެ.
ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުންގެ އަޚުލާޤާ ބެހޭ ފަޞްލު
ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނަކީ މީސްތަކުން ކުރެ އެންމެ ދީލަތި ކަލޭގެފާނެވެ. އެކަލޭގެފާނުންގެ ދީލަތިކަން ރަމަޟާން މަހުގައި އަދި ވަކިން އިތުރުފުޅެވެ. އެކަލޭގެފާނަކީ މީސްތަކުން ކުރެ ޚަލްޤުފުޅާއި ޚުލްޤުފުޅު އެންމެ ރިވެތި ކަލޭގެފާނެވެ. އަތްތިލަ އެންމެ އޮމާން ކަލޭގެފާނެވެ. ގައިވަސް އެންމެ މީރު ކަލޭގެފާނެވެ. ޙައްޖު އެންމެ ފުރިހަމައަށް އަދާކުރެއްވި ކަލޭގެފާނެވެ. ދިރިއުޅުއްވުން އެންމެ ރިވެތި ކަލޭގެފާނެވެ. އަދި މާތް ﷲ އާ މެދު އެންމެ ޢިލްމުވެރި ކަލޭގެފާނެވެ. މާތް ﷲ އަށް އެންމެ ބިރުވެތިވާ ކަލޭގެފާނުންމެއެވެ. ފަހެ އެކަލޭގެފާނުން އަމިއްލަ ކަންފުޅެއްގައި ކޯފާ އިސް ނުކުރައްވަތެވެ. އަދި ބަދަލު ނުހިއްޕަވަތެވެ. މާތް ﷲ ގެ ޙުރުމަތަކަށް އަރައިގަނެވިއްޖެ ހިނދުގައި ފިޔަވައި އެކަލޭގެފާނުން ކޯފާ އިސް ނުކުރައްވަތެވެ. ފަހެ އެފަދަ ހިނދެއްގައި ކޯފާ އިސްކުރައްވައިފި ނަމަ، އެކަލޭގެފާނުން ޙައްޤަށް ނަޞްރު ހޯއްދެވުމަށް ދާން ދެން ކޯފާފުޅު މެދުނުކެނޑޭނެތެވެ. އެކަލޭގެފާނުން ކޯފާ އިސްކުރައްވައިފި ނަމަ، އެނބުރިވަޑައިގެން ދުރަށް ޖެހިވަޑައިގަންނަވަތެވެ. އަދި އިތުރު އެކަލޭގެފާނުންގެ ޚުލުޤުފުޅަކީ ޤުރުއާން ކަމުގައި ވިއެވެ. މީސްތަކުންގެ ތެރެއިން އެންމެ ހިތްތިރި ބޭކަލަކީ ހަމަ އެކަލޭގެފާނެވެ. އެކަލޭގެފާނުންގެ އަހުލުންގެ ޙާޖަތްތައް ފުރިހަމަކޮށްދެއްވަތެވެ. ނިކަމެތީންނަށް އެކަލޭގެފާނުންގެ ފިޔަކޮޅު ތިރިކުރައްވަތެވެ. އެއްވެސް ކަމަކާ މެދު ސުވާލު ވެވުމުން "ނޫން" މިބަސް ޙަދީޘް ނުކުރައްވަތެވެ. މީސްތަކުންގެ ތެރެއިން އެންމެ ޙިލްމުވެރި ބޭކަލަކު ކަމުގައި ވެސް އެކަލޭގެފާނުން ވިއެވެ. ލަދުފުޅު ގެންނެވުން ވެސް އެންމެ ބޮޑީ އެކަލޭގެފާނެވެ. ގާތް މީހާ، ދުރު މީހާ، މޮޅު މީހާ، ނިކަމެތި މީހާ- މިއެންމެންމެ އެމީހެއްގެ ޙައްޤުތައް ލިބިގަތުމުގައި އެކަލޭގެފާނުންގެ ނަޡަރުފުޅުގައި ހަމަހަމަވެގެންވެއެވެ.
އިތުރު އެކަލޭގެފާނުން ދުވަހަކުކޮޅުން ވެސް ކާއެތިކޮޅަކަށް ފާޑު ނުވިދާޅުވެތެވެ. ހިތްޕުޅާ ވިއްޔާ ފަރިއްކުޅުއްވަތެވެ. ނޫން ނަމަ ބަހައްޓަވަތެވެ. ލެނގިވަޑައިގެން ނުވަތަ މޭޒެއް މަތިން ފަރިއްނުކުޅުއްވަތެވެ. އެއިރަކު ލިބޭން ހުރި އެއްޗެއް ފަރިއްކުޅުއްވައެވެ. ހުއްދަޙަލާލު ކާތަކެތީގެ ތެރެއިން އެއްވެސް އެއްޗަކާ މުޅިން ދުރުހެލިވެ ވަޑައިނުގަންނަވަތެވެ. އެކަލޭގެފާނަށް ފޮނިކާތަކެއްޗާއި މާމުތް ނުހަނު މީރުފުޅެވެ. އަދި ބަރަބޯ އެކަލޭގެފާނަށް ނުހަނު ކަމުފުޅުދެއެވެ. އިތުރު އެކަލޭގެފާނުން ޙަދީޘްކުރައްވާފައިވެއެވެ: "ލައިގެންކާ އެއްޗަކަށް ރާހުތް ނުހަނު މޮޅުވެގެންވެއެވެ." އަދި ވެސް ޙަދީޘްފުޅު ކުރެއްވިއެވެ: "އެހެނިހެން އަންހެނުންގެ މައްޗަށް ޢާއިޝަތުގެފާނުންގެ އިތުރުކަން، އެހެނިހެން ކާތަކެތީގެ މައްޗަށް "ޘަރީދު"ގެ އިތުރުކަން ފަދައިން ވެއެވެ." އަދި ބަކަރިމަހުން އެކަލޭގެފާނުން އެންމެ ގަޔާފުޅުވާ ބަޔަކީ ކޮނޑުގައި ހުންނަ މަސްކޮޅެވެ. އަބޫހުރައިރަތުގެފާނުން ވިދާޅުވިއެވެ: "ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲ ގެ ފާނުން ދުނިޔެ ދޫކުރެއްވި އިރު، ހިމަގޮދަނު ފުށު ރޮށިން ދުވަހަކު ބަނޑުފުޅު ނުފުރުއްވަތެވެ." މަޢުނައީ: އެތަކެތި ނުލިބުމުގެ ސަބަބުންނެވެ. އިތުރު އެކަލޭގެފާނުންގެ ގަނޑުވަރުތަކުގެ ތެރެއިން އެއްވެސް ގަނޑުވަރުކޮޅެއްގައި އަލިފާން ބޭނުންނުކޮށް މަހެއް ދެމަހެއް ވޭތުވެދެއެވެ.
އިތުރު އެކަލޭގެފާނުން ހަދިޔާ ފަރިއްކުޅުއްވަތެވެ. އެހެނަސް ޞަދަޤާތް ފަރިއްނުކުޅުއްވަތެވެ. އެކަލޭގެފާނުން ހަދިޔާބަދިޔާގެ ބަދަލުގައި އެއްޗެތި ދެއްވައި އުޅުއްވަތެވެ. އެކަލޭގެފާނުންގެ ފައިވާންކޮޅަށް ލިބޭ ގެއްލުން އަމިއްލަފުޅަށް ރަނގަޅުކުރައްވަތެވެ. އަދި ހެދުންކޮޅުގެ ޢައިބުތައް އަމިއްލަފުޅަށް ހެއުކުރައްވަތެވެ. އަދި އިތުރު އެކަލޭގެފާނުން ބަލިމީހުނަށް ޒިޔާރަތްކުރައްވަތެވެ. މުއްސަންޖަކަސް ފަޤީރަކަސް، ދެރަމީހަކަސް މޮޅުމީހަކަސް، އެކަލޭގެފާނަށް ގޮވައިފިއްޔާ އެމީހަކަށް އެކަލޭގެފާނުން އިޖާބަދެއްވަތެވެ. ފަހެ އެކަލޭގެފާނުން އެއްވެސް މީހަކު ނިކަމެތިކޮށްނުލައްވައެވެ. އިށީނދެވަޑައިގަތުމުގައި ބައެއް ފަހަރު އުޑަފައިން އިންނަވަތެވެ. އަދި ބައެއް ފަހަރު ފައިންޕުޅު ވަށް ކޮށްލައިގެން އިންނަވަތެވެ. ނަމަވެސް ގިނަ ވަޤުތުތަކުގައި އިންނަވަނީ އިޙްތިބާކޮށެވެ. (އިޙްތިބާކޮށް އިނުމަކީ ދެފައި ކަކޫ ލެންބުމަށް ފަހު ކުރިމަތީގައި ބައިންދާ، އަތުން ކަކުލުގައި ބައްދާލައިގެން އިނުން.) އެކަލޭގެފާނުން ފަރިއްކުޅުއްވަނީ ތިން އިނގިލިކޮޅުންނެވެ. އަދި ފަރިއްކޮޅަށް ފަހު އިނގިލިކޮޅުތައް ޞާފުކުރައްވަތެވެ. ފެންފޮދު ހިއްޕެވުމުގައި ތިން ނޭވާ އިން ހިއްޕަވަތެވެ. އަދި އިތުރު އެކަލޭގެފާނުން ޙަދީޘްފުޅަކީ ޖަޥާމިޢުލްކަލިމެވެ. (މަޢުނައީ: މަދު ބަހަކުން ގިނަ މަޢުނަ ދޭހަވުން.) ބަސްފުޅެއް ފަހުމުވުމަށްޓަކަށް ތިން ފަހަރު އިޢާދަ ކުރައްވައިފާނެތެވެ. އެކަލޭގެފާނުންގެ ބަސްފުޅުތަކަކީ ބަޔާންވެގެންވާ، އަޑުއަހައިފި މީހަކަށް ފަހުމުވުމަށް ފަސޭހަވެގެންވާ ބަސްފުޅުތަކެވެ. އެއްވެސް ސަބަބަކާ ނުލައި އެކަލޭގެފާނުން ބަސް ޙަދީޘްނުކުރައްވަތެވެ. މާތް ﷲ ހަނދުމަފުޅު ކުރައްވާ ޙާލު މެނުވީ، އެއްވެސް ތަނެއްގައި އިށީދެވަޑައިނުގަންނަވަތެވެ. އަދި ތެދުވެވަޑައިނުގަންނަވަތެވެ. އެކަލޭގެފާނުން އަހަށާއި، ޖަމަލަށާއި، ޙިމާރަށާއި، ބަޣުލަށް ސަވާރީވެވަޑައިގެންނެވިއެވެ. އެކަލޭގެފާނުންގެ ފަހަތްޕުޅުގައި ޖަމަލުގައްޔާއި ޙިމާރުގައި މީހުން ބައިންދަވަތެވެ. އެކަލޭގެފާނުންގެ ފަހަތްޕުޅުން ހިނގާފައި އައުމަށް ދޫ ނުކުރައްވަތެވެ.
ބަނޑުހައިހޫނުކަމުގެ ސަބަބުން އިތުރު އެކަލޭގެފާނުންގެ ބަނޑުފުޅުގައި ހިލަކޮޅެއް ބެންނެވޫއެވެ. އެކަލޭގެފާނާއި އަހުލުބައިތުން ހުސްބަނޑުފުޅާ އެތައް ރެއަކު ރޭކުރައްވަތެވެ. އެކަލޭގެފާނުންގެ ދާންކޮޅު ހަދާފައި ހުންނަނީ ޖަނަވާރު ހަމުންނެވެ. ހަންގަނޑު އެތެރެއަށް އަޅާފައި ހުންނަނީ ކަދުރު ރުކު ނަރަވަތަކެވެ. ދުނިޔޭގެ ހުރިހައި އެދުންތަކުން އެކަލޭގެފާނުން މަދުކުރެއްވިއެވެ. މާތް ﷲ އެކަލޭގެފާނަށް ބިމުގެ ޚަޒާނާތަކުގެ ތަޅުދަނޑިތައް ދެއްވުމުން އެނަޞީބު ހިއްޕެވުމާ ދުރުވެވަޑައިގެން، އެކަމުގެ މައްޗަށް އާޚިރަތް އިޚްތިޔާރުކުރެއްވިއެވެ. އިތުރުއެކަލޭގެފާނުން ގިނަގިނައިން ޛިކުރު ކިޔުއްވާ އުޅުއްވިއެވެ. އަބަދުމެ ފިކުރުފުޅު ހިންގަވައި އުޅުއްވިއެވެ. އެކަލޭގެފާނުންގެ ހިނިފުޅުގައި ގިނައީ ހީފުޅުލެއްވުމެވެ. ނަމަވެސް ބައެއް ފަހަރު ދަތްޕުޅު ފެންނަ ވަރަށް ހިނިވަރުނަކުރައްވަތެވެ. އެންމެހައި ރަނގަޅު ތަކެއްޗަށް އެކަލޭގެފާނުން ލޯބިކުރައްވަތެވެ. އަދި ނުބައި ވަސްތަކާ މެދު ނުރުހުންވެވަޑައިގަންނަވަތެވެ. އެކަލޭގެފާނުން ސަމާސާފުޅު ކުރައްވަތެވެ. ނަމަވެސް އެކަމުގައި ވެސް ޙައްޤުތެދުފުޅެއް ނޫނީ ނުހައްދަތަވެވެ. އެކަލޭގެފާނުންގެ އަރިހަށް ޢުޛުރުވެރިވެ މަޢާފަށް އެދޭ ފަރާތްތަކުގެ ޢުޛުރު ޤަބޫލުފުޅު ކުރައްވަތެވެ. މާތް ﷲ އެކަލޭގެފާނުން ޞިފަކުރެއްވި ފަދައިން ވިއެވެ:
لَقَدْ جَاءكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ
މަޢުނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުން ތިޔަބައިމީހުންގެ ގާތަށް ރަސޫލަކު ވަޑައިގެންފޫއެވެ. ތިޔަބައިމީހުންނަށް ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވޫއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙްމު ހުރި ބޭކަލެކެވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ:
وَصَلِّ عَلَيْهِمْ إِنَّ صَلاَتَكَ سَكَنٌ لَّهُمْ
މަޢުނައީ: "އަދި އެއުރެންނަށްޓަކައި ކަލޭގެފާނުން ދުޢާފުޅު ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ދުޢާއަކީ، އެއުރެންނަށް އޮތް ހިތްހަމަޖެހުމެކެވެ."
އިތުރު އެކަލޭގެފާނުންގެ ރައްދުބަސް ޙަދީޘްކުރެއްވުމަކީ ނުސީދާ އިޝާރާތެއް ކަމުގައި ވިއެވެ. "މާތް ﷲ ގެ ކިތާބުފުޅުގައި ނުވާ ކަންކަން ޝަރުޠުކުޅަ މީހުންގެ ކަމަކީ ކޮބައި ބާވައެވެ؟" މިފަދަ ގޮތަކަށެވެ. މަޑުމައިތިރިކަމަށް އެކަލޭގެފާނުން އަމުރުފުޅުކުރައްވައި އުޅުއްވިއެވެ. އަދި އެކަމަށް ބާރުފުޅުއެޅުއްވިއެވެ. ހަރުކަށިވުން އެކަލޭގެފާނުން ނަހީ ކުރައްވައި އުޅުއްވިއެވެ. އަދި ޢަފޫކުޅައުމާއި، މަޢާފުކުޅައުމާއި، ހެއުއަޚުލާޤުގެ ކަންކަމަށް އެކަލޭގެފާނުން ބާރުފުޅު އެޅުއްވިއެވެ.
ޞާފުޠާހިރުވެވަޑައިގަތުމުގައްޔާއި، ފުނާކޮޅު އެޅުއްވުމުގައްޔާއި، ފައިވާންކޮޅު ތުރުކުރެއްވުމުގައި، އެންމެހައި ކަންކަމުގައި އެކަލޭގެފާނުން ކަނާތްފަރާތް އިސްކުރެއްވުމަށް ލޯބިފުޅުކުރެއްވިއެވެ. އަދި އެކަލޭގެފާނުންގެ ވާތްޕުޅު ބޭނުންފުޅު ކުރެއްވީ ޤަޟާޙާޖާތް ކުރެއްވުމުގައްޔާއި އުނދަގުލެއް ކުރިމަތިވާ ކަންކަމުގައެވެ. އަވަހާރަފުޅު ލައްޕަވަން އޮންނަވަނީ ނަމަ، ކަނާތު އަރިކަށިކޮޅު މައްޗަށް، ޤިބުލައާ ކުރިފުޅުވާގޮތަށް އޮންނަވަތެވެ.
އިތުރުއެކަލޭގެފާނުންގެ މަޖުލިހަކީ ޙިލްމާއި، ލަދުވެތިކަމާއި، އަމާނާތްތރިކަމާއި، ރައްކާތެރިކަމާއި، ކެތްތެރިކަމާއި، ހިތްހަމަޖެހުމުގެ މަޖުލިހެކެވެ. އެމަޖިލިހުގައި އަޑުގަދަ ނުކުރެވޭ ހުއްޓެވެ. އަދި ޙުރުމަތްތެރި ފަރާތްތަކަށް އެމަޖިލިހުގައި ހުތުރު ބަސް ނުބުނާ ހުއްޓެވެ. މަޢުނައީ: އަންހެނުންނާ ބެހޭ (ލަދުވެތި) ވާހަކަތައް އެމަޖުލިހުގައި ނުދައްކާ ހުއްޓެވެ. އެބޭކަލުން (އެމަޖުލިހުގައި) ތަޤުވާވެރިކަމުގައި އެއްބޭކަލަކު އަނެއްބޭކަލަކަށް ހިތްވަރު ދެއްވަތެވެ. އަދި ހިތްޕުޅުތައް ތިރިކުރައްވަތެވެ. އަދި ބޮޑެތި މީހުންނަށް ޤަދަރުކުރައްވަތެވެ. އަދި ކުޑަކުދީންނަށް ރަޙުމު ކުރައްވަތެވެ. އަދި (އަމިއްލަ ނަފުސުތަކުގެ މައްޗަށް) ބޭނުންޖެހިފައިވާ މީހާއަށް އިސްކަން ދެއްވަތެވެ. އަދި ޣަރީބު މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދެތެވެ. އަދި އެއްބޭކަލަކު އަނެއް ބޭކަލަކަށް ހެއުކަންކަމަށް މަގުދައްކަވަތެވެ.
އަދި އިތުރު އެކަލޭގެފާނުންގެ އަޞްޙާބުބޭކަލުންނާ ނުހަނު ގާތްކޮށް އުޅުއްވިއެވެ. ކޮންމެ ބައެއްގެ އިސް މީހާ އަށް ޤަދަރުކުރައްވައި، އެބައެއްގެ މައްޗަށް އެމީހަކު އަމުރުވެރި ކުރައްވަތެވެ. އަދި އެކަލޭގެފާނުންގެ މާތް އަޞްޙާބުން ބައްލަވައި ހޯއްދަވަތެވެ. އަދި އެކަލޭގެފާނު ހަޑިހުތުރު އެއްޗެތި ޙަދީޘްކުރައްވައި، ފާޙިޝް ބަސްފުޅުތައް ޙަދީޘްކުރައްވައި ނޫޅުއްވަތެވެ. ނުބައި ކަމެއްގެ ބަދަލުގައި އެކަލޭގެފާނުން ނުބައި ކަމެއް ނުކުރައްވަތެވެ. އެހެނެއްކަމަކު ޢަފޫކުރައްވައި މަޢާފުދެއްވަތެވެ. އެކަލޭގެފާނުން ދުވަހަކު ވެސް ޚާދިމަކު ގައިގައި ނުޖައްސަވަތެވެ. އަދި އަންހެނަކު ގައިގައިމެ ނުޖައްސަވަތެވެ. ﷲގެ މަގުގައި ޖިހާދުކުރުމުގައި މެނުވީ އެއްވެސް އެއްޗެއްގައި ނުޖައްސަވަތެވެ. އެކަލޭގެފާނަށް އެއްވެސް ދެކަމެއްގެ ދެމެދު އިޚުތިޔާރު ދެވިއްޖެ ނަމަ، އެދެކަމުން ކުރެ ލުއި ކަމެއް އިޚުތިޔާރުކުރައްވަތެވެ. އެކަމަކީ ފާފައެއް ކަމުގައި ނުވާ ހައި ހިނދަކުއެވެ.
ތިމަން (އަލްއިމާމް އައްނަވަވީ) މިހިމެނުއްވި ކަންކަމުގެ ދަލީލުތައް ޞައްޙަ ފޮތުގައި (މިބަހީ: ޞަޙީޙުލްބުޚާރީގައި) މަޝްހޫރުވެގެން ވޫއެވެ. ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުންގެ ކިބަފުޅުގައި މާތް ﷲ އަޚުލާޤުގެ ފުރިހަމަކަމާއި އެންމެ ހެއު ޞިފަފުޅުތައް ލެއްވިކަން ކަށަވަރެވެ. އިސް މީހުންނާއި ފަސް މީހުންގެ ޢިލްމުތަކާއި، ދިންނެވުމާއި ނަޖާތައް މަގުފަހިވާ ކަންކަމުގެ ޢިލްމު އެކަލޭގެފާނަށް ދެއްވޫއެވެ. އަދި އެކަލޭގެފާނަކީ ލިޔުއްވައި ކިޔުއްވައި ބޭކަލަކު ކަމުގައި ނުވިއެވެ. އެއްވެސް އިންސާނެއްގެ ކިބައިން ޢިލްމުފުޅު ޙާޞިލުކުރައްވަން ޖެހިވަޑައިނުގެންނެވިއެވެ. ޢާލަމުތަކުން ކުރެ އެކަކަށް ވެސް ނުދެއްވާ ހައި ނިޢުމަތް އެކަލޭގެފާނަށް ދެއްވޫއެވެ. އެންމެހައި އިސްވެދިޔަ މީހުންނާއި ފަހުން އަންނާނޭ މީހުންގެ މައްޗަށް އެކަލޭގެފާނުން މާތްކުރެއްވޫއެވެ. ފަހެ ޤިޔާމަތް ދުވަހާ ހަމައަށް ދާއިމަށް ދެމިގެންދާ ޞަލަވާތާއި ސަލާމް އެކަލޭގެފާނުންގެ މައްޗަށް ލައްވާށިއެވެ. ޞަޙީޙުގައި (މަޢުނައީ: ޞަޙީޙުލް ބުޚާރީގައި) މާތް ﷲ އެބޭކަލަކަށް ރުއްސުން ލެއްވި ސައްޔިދުނާ އަނަސް ބްނު މާލިކު ގެފާނުންގެ ކިބައިން ޘާބިތުވެގެން ވެއެވެ: އެކަލޭގެފާނުން ވިދާޅުވިއެވެ: "ސަލާމާއި ޞަލަވާތް ލެއްވި ﷲގެ ރަސޫލާގެ އަތްޕުޅަށް ވުރެ ވަކި އޮމާން ދީބާޖެއްގައި ނުވަތަ ފަށުއިފޮއްޗެއްގައި ތިމަންކަލޭގެފާނުގެ އަތްޕުޅު ނުބީހެއެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވި ﷲގެ ރަސޫލާގެ ވަސްފުޅަށް ވުރެ މީރު ވަހެއް ތިމަންކަލޭގެފާނުން ނުބަލައްލަވަމެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲ ގެ ފާނަށް ތިމަންކަލޭގެފާނުން ދިހަ އަހަރު ވަން ދެން ޚިދުމަތް ކުރެއްވީމެވެ. ފަހެ އެކަލޭގެފާނުން އެންމެ ފަހަރަކު ވެސް ތިމަންކަލޭގެފާނާ ދިމާއަށް "އުއްފު" ވެސް ޙަދީޘް ނުކުރައްވަތެވެ. އަދި ތިމަންކަލޭގެފާނުން ކުރި އެއްވެސް ކަމަކާ މެދު ޙަދީޘް ނުކުރައްވަތެވެ "ތިޔަ ކަން ކުރެއްވީ ކީއްވެގެން ހެއްޔެވެ؟" އަދި ތިމަންކަލޭގެފާނުން ނުކުރާ ކަމަކަށް ޙަދީޘް ނުކުރައްވަތެވެ: "ތިޔަ ކަން ކުރެއްވި ނަމައެވެ!""
މިޙިސާބުން އަލްއިމާމުއްނަވަވީގެ ކިބައިން އަޅުގަނޑު ނަޤުލުކޮށް ތަރުޖަމާކުރި ބައި ނިމުނީ އެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި މާތް ރަސޫލާގެ ސީރަތުން ޢިބުރަތް ލިބިގަނެ، އެކަލޭގެފާނުން ދެއްކެވި ތެދުމަގަށް ތަބަޢަވާ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ.
މަޞްދަރު: تهذيب الأسماء واللغات للإمام النووي قدس الله سره