ދުނިޔެ
ޔަމަނުގެ ހޫތީން އިސްރާއީލަށް ދިން މިސައިލް ހަމަލާގެ ބަދަލު ހިފާނަން: އިސްރާއީލުގެ ޑިފެންސް މިނިސްޓަރު

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު/ފޮޓޯ: ފައިނޭންޝިއަލް ޓައިމްސް
ޔަމަނުގެ ހޫތީން އިސްރާއީލަށް ދިން މިސައިލް ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު، އިސްރާއީލް ކެޓްޒް ބުނެފިއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، ހޫތީން އަނެއްކާވެސް އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށެވެ.
މިއީ ފާއިތުވި 24 ގަޑި އިރު ތެރޭ ހޫތީން އިސްރާއީލަށް އަމާޒު ކުރި 3 ވަނަ މިސައިލް ހަމަލާ ކަމަށް ޑިފެންސް މިނިސްޓަރު ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރު އިތުރަށް ބުނީ، އިސްރާއީލުން ހޫތީ ޖަމާއަތާ ދެކޮޅަށް "އަނދިރިކަމުގެ ބޮޑު ވަބާއެއް" ފޮނުވާނެ ކަމަށެވެ. އަދި ހޫތީން ފޮނުވި ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އިސްރާއީލަށް އަމާޒު ކުރި މިސައިލްތަކުގެ ތެރެއިން ދެ މިސައިލް އެ ގައުމުން ހުއްޓުވާފައިވާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން މިއަދު ހެނދުނުގެ ވަގުތެއްގައި އިސްރާއީލާ ދެކޮޅަށް ބަލިސްޓިކް މިސައިލްގެ ޙަމަލާއެއް ފޮނުވާލާފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން މިސައިލް ވައްޓާލުމަށް މަސައްކަތް ކުރި ނަމަވެސް، އެއް މިސައިލް އިސްރާއީލަށް ވެއްޓިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މިސައިލް ވެއްޓިފައިވަނީ އިސްރާއީލުގެ ހުސް ބިމަކަށް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.