ދުނިޔެ
ޣައްޒާ ހިޞާރުކުރުމުގެ ޕްލޭނަކީ އިސްރާއިލަށް އޭގެއިން ނުބައި ނަތީޖާތަކަކާ ކުރިމަރިވެދާނެ ކަމެއް: އިސްހާޤް ބްރިކް

އިސްރާއީލުގެ ރިޒާވް ޖެނެރަލް އިސްހާޤް ބްރިކް
ޣައްޒާ އަލުން ޙިޞާރުކުރުމުގެ ޕްލޭނަކީ އިސްރާއިލަށް އޭގެއިން ނުބައި ނަތީޖާތަކަކާއި ކުރިމަތިވެދާނެ ކަމެއް ކަަމަށް އިސްރާއީލުގެ ރިޒާވް ޖެނެރަލް އިސްހާޤް ބްރިކް ބުނެފިއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ހަމާސް ބަލިކުރުމަށް ބޭނުންވާ ހަނގުރާމަވެރި ވަސީލަތްތަކާއި ބިމުގެ ޤާބިލުކަން އިސްރާއީލުގެ ސިފައިންނަށް ނެތްކަމަށެވެ.
ބުރާސްފަތި ދުވަހު މައަރީފް ނޫހަށް ދިން އިންޓަވިއުއެއްގައި ބްރިކް ބުނެފައިވާ ގޮތުގައި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދަމުންދާ ބެންޖަމިން ނަތަންޔާހޫގެ ޣައްޒާ އަލުން ހިޞާރު ކުރުމުގެ ޕްލޭނަކީ، ޗީފް އޮފް ސްޓާފް އެޔާލް ޒަމީރުގެ އިއުތިރާޒު އޮތް ނަމަވެސް، އިސްރާއީލް ސިފައިންނާއި ހައްޔަރުކުރެވިފައިވާ މީހުންނަށް "ޑެތް ޓްރެޕް" އެއް ކަމަށެވެ.
އިތުރަށް އޭނާ ބުނެފައިވާ ގޮތުގައި، އިސްރާއީލް ސިފައިން ޣައްޒާ ސިޓީއަށް ވަދެއްޖެނަމަ، ހަމާސްގެ ހުރިހާ ކޮންޓްރޯލް ސެންޓަރުތަކެއް ސިޓީން ބޭރުގެ އެހެން ސަރަހައްދުތަކަށް ބަދަލުވެގެންދާނެއެވެ. އެހެންކަމުން ޣައްޒާ ސިޓީގެ ބައެއް ސަރަހައްދުތަކުގައި އިސްރާއީލް ސިފައިން ތިބުމަކުން ހަމާސްގެ އޮޕަރޭޝަންތަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.
މިލިޓަރީ ލީޑަރޝިޕްގެ ބަޔާންތަކާ ޚިލާފަށް، ހަމާސް އަދިވެސް ބަލިކުރެވިފައި ނުވާކަމަށް ބްރިކް ބުނެފައިވެއެވެ. އަދި ސަތޭކަ ކިލޯމީޓަރުތަކަކަށް ދިގުވެގެންދާ ފުޅާ ޓަނަލް ނެޓްވޯކެއްގެ މައްޗަށް ހަމާސް ބަރޯސާވަމުންދާއިރު، މި ޓަނަލްތަކުގެ ތެރެއިން ހަލާކުކުރެވިފައިވަނީ ކުޑަ ތަންކޮޅެއް ކަމަށެެވެ.
ޣައްޒާ ސިޓީގައި ހަނގުރާމަ ކުރިއަށް ގެންދިއުމުން ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޝަހީދުވެ އިސްރާއީީލް ސިފައިންގެ ތެރެއިން ގިނަ ބަޔަކު މަރުވެ، އިސްރާއީލަށް މީގެ ކުރިން ދުވަހަކުވެސް ނުފެންނަވަރުގެ ގޮއްވުންތަކެއް ގޮއްވައި، އިސްރާއީލުގެ އެންމެ ފަހުގެ އެލައިންސްތައްވެސް އެމީހުންނަށް ދޭ އެހީ ހުއްޓާލަން މަޖުބޫރުވެދާނެކަމަށް ބްރިކް ބުނެފައިވެއެވެ.
ޣައްޒާ އަލުން ޙިޞާރު ކުރުމުން "ހަމާސް ބަލިނުކުރެވޭނެ" ކަމަށާއި، އޭގެ ބަދަލުގައި އިސްރާއީލަށް މިލިޓަރީ ކާމިޔާބީއެއް ނުލިބި، ބައިނަލްއަޤްވާމީ ގޮތުން އެކަހެރިވެ، އިންސާނީ، އިޤްތިޞާދީ އަދި އިޖްތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެކަމަށް އޭނާ ބުނެފައިވެއެވެ.