ޚަބަރު
އުނގޫފާރު ހޮސްޕިޓަލްގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ފަށަނީ

އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމް--
ބޮޑެތި ބަލިތަކަށް ޚާއްޞަ ޖުމްލަ 8 ޑޮކްޓަރުންނާއެކު އުނގޫފާރު ހޮސްޕިޓަލްގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ކޭމްޕަކީ، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ސަރުކާރުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުން ހިންގާ ކޭމްޕެކެވެ.
މި ކޭމްޕާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވީ، މި ކޭމްޕްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި ރާއްޖޭގެ ވަރަށް ތަޖުރިބާކާރު އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެ ކަމަށެވެ. އަދި މި ޓީމުގެ ތެރޭގައި ސިކުނޑި އާއި ނާރުގެ ބަލިތަކާއި، ގޮހޮރު، ކެންސަރު، ކުޑަކަމުދާ ނިޒާމު، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާއްމު އަދި ލެޕްރޮސްކޮޕިކް، ހޭނެއްތުން، ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުމުގެ ޚާއްސަ ޑޮކްޓަރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝާހް އިތުރަށް ވިދާޅުވީ، މިކޭމްޕްގައި ބައިވެރިވުމަށް ވަރަށް ގިނަ އަދަދެއްގެ މީހުން ރަޖިސްޓްރީވެފައިވާކަމަށާއި، މިކޭމްޕްގައި އޯޕީޑީގެ ޚިދުމަތްވެސް ދެމުންގެންދާނެ ކަމަށެވެ. އަދި އޯޕީޑީގެ ޚިދުމަތްތަކަށް ފަހު، އަންނަ ހުކުރު، ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު އެކިއެކި ސަރޖަރީތައް ކުރިއަށްގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ، މި މިކޭމްޕްގައި އުނގޫފާރު ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާ ސިއްޙީ ޚިދުމަތް ދޭ މުވައްޒަފުންނަށް، އެކި ތަމްރީންތައް ދެވޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް މިކޭމްޕް ލ. އަތޮޅާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު، މި ދެ ސަރަޙައްދުން ވެސް މި ކޭމްޕަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.