ކުޅިވަރު
ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ބާއްވަން ނިންމައިފި

7ވަނަ ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ބާއްވަން ނިންމާފައިވާކަމަށް އިޢުލާންކުރުން، ފޮޓޯ: ސީއޭއެމް
މި އަހަރުގެ ޑިސެންބަރުގައި އޮންނަ 7ވަނަ ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އެތުލީޓުންނާއެކު ކުރިޔަށްދާނެ ވޯލްޑް ކަޕް ކަމުގައި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ހާމަކުރެއެވެ.
މިއީ 2014ވަނަ އަހަރަށްފަހު މި މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް ކުރިން ފަހަރާ ޚިލާފަށް، މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ކުޅުންތެރިން ގިނައެވެ. މި ފަހަރު މުޅި ދުނިޔޭގެ އެކި ބައްރުތަކުން، 20އަށް ވުރެ ގިނަ ޤައުމުން 200އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރާނެއެވެ.
އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)އިން އިންތިޒާމުކުރާ މި މުބާރާތް ކުރިއަށްގެންދާނީ ކުޅިވަރު ވުޒާރާއާއި ސީއޭއެމް ގުޅިގެންނެވެ. އަދި ޑިސެންބަރު 2އިން 6އަށް ކުރިޔަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ބާސެލޯސް ނަސަންދުރައިގައެވެ.
"އަޅުގަނޑުމެން މި ޕްރެސް މިބާއްވާލީ ދިވެހިރާއްޖޭގައި ކެރަމް ވޯލްޑް ކަޕް 2014ގެ ފަހުން ރާއްޖޭގައި ވަރަށް ފުޅާކޮށް އަދި މިހާތަނަށް ކެރަމް ވޯލްޑް ކަޕް އެއްވެސް ތަނެއްގައި ނުބާއްވާ ވަރަށް، އެވަރަށް އެތުލީޓުން ގިނަ މުބާރާތަކަށް ވެގެން މިދިޔައީ. 200އަށްވުރެ ގިން އެތުލީޓުން މިމުބާރާތުގައި ބައިވެރިވޭ. އެހެންވީމަ މިމުބާރާތް އަޅުގަނޑުމެން ޑިސެމްބަރުގައި ރާއްޖޭގައި ހޯސްޓުކުރަން ކެރަމް އެސޯސިއޭޝަނާއި އަދި މިނިސްޓްރީއާއި ގުޅިގެން އަޅުގަނޑުމެން ބާއްވަން ހަމަޖެއްސި ވާހަކަ ތިބޭފުޅުންނަށް ދަންނަވާލަން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ މުބާރާތްތައް ބޭއްވުމުގެ ފައިދާ ރާއްޖެއަށް އެތައްގޮތަކުން ކުރާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރު އެންމެ އުސް ހަރުފަތަށް އެރުވުމަށާއި، ރާއްޖެއަކީ މިފަދަ ކުޅިވަރު މުބާރާތްތައްތައް ބޭއްވޭނެ މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނުމަށް މިއީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މި މުބާރާތުގެ ސަބަބުން ރާއްޖެއަށް އަލަށް ތަޢާރަފުވަމުން އަންނަ ސްޕޯޓްސް ޓޫރިޒަމް އެއްދުވަހުން އަނެއްދުވަހަށް ފުޅާވެގެން ދިއުމަށް ބާރަކަށްވާނެކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.
2014ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުގައި ގިނަ ވަނަތަކެއް ހޯދާފައިވަނީ އިންޑިއާގެ އެތުލީޓުންނެވެ. އެމުބާރާތުގައި ވާދަކުރި ގައުމުތަކަކީ ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ސައުތު ކޮރެއާ އަދި އެމެރިކާއެވެ.
މިދިޔަ އަހަރު މި މުބާރާތް އޮތީ އެމެރިކާގައެވެ. އެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވަނީ ފިރިހެން އަދި އަންހެން ޓީމް އިވެންޓުން ބްރޯންޒް މެޑަލް ހާސިލްކޮށްފައެވެ.