ޚަބަރު
ހައިވޭއިން ދަތުރުކުރި ޕިކަޕެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
 
                    ފިކަޕް ފުރޮޅާލާފައި--
މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއިން ދަތުރުކުރި ޕިކަޕެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ، މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭ މަތީގައި މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގާފައި ވަނީ ހައިވޭމަތިން ދަތުރުކުރަމުން ދިޔަ ޕިކަޕްގެ ފުރޮޅު ފަޅައިގެން ދިޔުމާއި ގުޅިގެން ކަމަށެވެ. އަދި ޕިކަޕް ފުރޮޅާލައިގެން ގޮސް ހައިވޭގެ މެދުގައި ހުންނަ ޑިވައިޑާގައި ޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ހައިވޭގެ މެދުގައި ހުރި ޑިވައިޑާއަށާއި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
 
                 
                             
                                         
                 
                 
                                             
                                            