ދުނިޔެ

އަފްޣާނިސްތާން ބިންހެލުން: މަރުވި މީހުންގެ އަދަދު 2،200 އިން މައްޗަށް

އަފްޣާނިސްތާން ބިންހެލުން: މަރުވި މީހުންގެ އަދަދު 2،200 އިން މައްޗަށް

އަފްޣާނިސްތާނަށް އައި ބިންހެލުންތަކުގެ އަސަރު/ފޮޓޯ: އަލް ޖަޒީރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 ސެޕްޓެމްބަރު 2025، 03:40

05 ސެޕްޓެމްބަރު 2025، 03:40

އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް، އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ ޢަދަދު 2،200 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މި ބިންހެލުމުގެ ސަބަބުން، އަފްޣާނިސްތާނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ގިނަ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި، މި ބިންހެލުމުގެ ބާރުމިނަކީ 6.0 މެގްނިޓިއުޑެވެ. ނަންގަރްހާރްގެ ޖަލާލާބާދު ކައިރިން މޫދުގެ 8 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމަކީ، އެހާ ތިލައިން އައި ބިންހެލުމަކަށް ވުމުން، ގެއްލުންތައް ބޮޑުވެފައިވާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. ފުރަތަމަ ބިންހެލުމަށްފަހު، ކައިރިކައިރީގައި އިތުރު 5 ބިންހެލުމެއް ވެސް ވަނީ އައިސްފައެވެ.

މި ބިންހެލުމުގެ ސަބަބުން، އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުނާރް ޕްރޮވިންސަށެވެ. އެގޮތުން އެތަނުން 2،205 އަށް ވުރެ ގިނަ މީހުން މަރުވެ، 3،640 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަމަ އެހެންމެ، އެ ސަރަޙައްދުގެ ޖުމްލަ 8،000 އަށް ވުރެ ގިނަ ގެތައް ހަލާކުވެ ބިމާ ހަމަވެފައިވާކަމަށް ޠާލިބާން ސަރުކާރުގެ ތަރުޖަމާން، ހަމްދުﷲ ފިތުރަތު ވަނީ ހާމަކުރައްވާފައެވެ. 

ބިންހެލުމުގެ ސަބަބުން، ހިކިފަސް ކެނަލް މަގުތައް ބަންދުވެ، މުއާސަލާތީ ނިޒާމުތައް ހަލާކުވެ، ސަލާމަތީ މަސައްކަތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ. ޚާއްސަކޮށް ސޯކޭ ޑިސްޓްރިކްޓްގެ ދޭވާ ގުލް އަދި ނޫރްގަލް ޑިސްޓްރިކްޓްގެ މާޒަރް ދާރާއަށް ދިއުމަށް ހުރަސް އެޅިފައި ވެއެވެ. އަދި ބައެއް ރަށްތަކުގައި މަށީގެ އަދި ހިލައިގެ ގެތައް ވެއްޓި، ހިކިފަސް ކެނަލުން ގިނަ ގޭބިސީތަކެއް ވަނީ ވަޅުލެވިފައެވެ. ގިނަ ސަރަހައްދުތަކާ އަދިވެސް ގުޅުން ކެނޑިފައިވާތީ، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

އަފްޣާނިސްތާނަކީ ބިންހެލުމުގެ ނުރައްކާ ބޮޑު ގައުމެކެވެ. އެއީ ހިންދޫކުޝް ފަރުބަދަތަކުގައި، ބިންގަނޑު ގުޅޭ ސަރަހައްދެއްގައި އޮންނަ ގައުމެއް ކަމުން، ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން