ޚަބަރު
ހައިވޭގައި އެކްސިޑެންޓުވި ޕިކަޕު ދުއްވާފައިވަނީ ސްޕީޑް ލިމިޓަށް ވުރެ ބާރަށް: ފުލުހުން

ފިކަޕް ފުރޮޅާލާފައި--
ހައިވޭގައި މިއަދު އެކްސިޑެންޓުވި ޕިކަޕު ދުއްވާފައިވަނީ ސްޕީޑް ލިމިޓަށް ވުރެ ބާރަށްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއިން ދަތުރުކުރި ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ މިއަދު މެންދުރު 12:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ހައިވޭ މަތިން ދަތުރުކުރަމުން ދިޔަ ޕިކަޕްގެ ފުރޮޅު ފަޅައިގެން ދިޔުމާއި ގުޅިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޕިކަޕް ފުރޮޅާލައިގެން ގޮސް ހައިވޭގެ މެދުގައި ހުންނަ ޑިވައިޑާގައި ޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ހައިވޭގެ މެދުގައި ހުރި ޑިވައިޑާއަށާއި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މި އެކްސިޑެންޓުގައު ޕިކަޕު އިތުރު ކާރެއްގައި ޖެހިފައިވާ ކަމަށާއި، އެ ކާރަށް މާބޮޑު ގެއްލުމެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، އެކްސިޑެންޓުވި ޕިކަޕު ދުއްވާފައިވަނީ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ކަމަށެވެ. އަދި މިކަމާއި ގުޅިގެން ޑްރައިވަރާ މެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.