ޚަބަރު
އިންޑޮނޭޝިއާގައި އައިފޯން 16 ވިއްކުން މަނާކޮށްފި
އައިފޯން 16 ފޮޓޯ:އިންޓަރނެޓް
އިންޑޮނޭޝިއާގެ ސަރުކާރުން މިދިޔަ ހަފްތާގައި އެޕަލްގެ އައިފޯން 16 އާއި އެޕަލް ވޮޗް ސީރީސް 10 ފަދަ އައު އުފެއްދުންތައް އެ ޤައުމުގައި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފިއެވެ. މި މަނާކުރުން ގެނެސްފައިވަނީ އެޕަލްއިން އެ ޤައުމުގައި އިންވެސްޓްކުރުމަށް ވެފައިވާ ވައުދުތައް ފުރިހަމަ ނުކުރުމުގެ ސަބަބުންނެވެ.
އިންޑަސްޓްރީ މިނިސްޓަރ ގުމިވަންގް ކަރްޓަސަސްމިޓާ ވިދާޅުވެފައިވަނީ މި މަނާކުރުމުގެ ދަށުން އިންޑޮނޭޝިއާގައި އައިފޯން 16 ބޭނުންކުރެވޭނަމަ އެއީ ޤާނޫނާ ޚިލާފު ކަމެކެވެ. އަދި އެފަދަ ފޯނެއް ފެނިއްޖެނަމަ ރިޕޯޓުކުރުމަށް ވަނީ އަންގާފައެވެ.
އެޕަލްއިން އިންޑޮނޭޝިއާގެ އިންފްރާސްޓްރަކްޗަރ އާއި ލޯކަލް ސޯސިންގ އަށް 109 މިލިއަން އެމެރިކާ ޑޮލަރު (1.71 ޓްރިލިއަން ރުޕިޔާ) އިންވެސްޓްކުރުމަށް ވައުދުވެފައިވީ ނަމަވެސް، މިހާތަނަށް އިންވެސްޓްކޮށްފައިވަނީ 95 މިލިއަން އެމެރިކާ ޑޮލަރު (1.48 ޓްރިލިއަން ރުޕިޔާ) އެވެ. މިކަމުގެ ސަބަބުން އިންޑޮނޭޝިއާގެ އިންޑަސްޓްރީ މިނިސްޓްރީއިން އައިފޯން 16 އަށް ބޭނުންވާ އައި.އެމް.އީ.އައި (އިންޓަނޭޝަނަލް މޮބައިލް އިކުއިޕްމަންޓް އައިޑެންޓިޓީ) ސެޓްފިކެޓް ދޫކުރުމަށް ހުރަސްއެޅިފައިވެއެވެ.
އިންޑޮނޭޝިއާގެ ސަރުކާރުން ބޭރުގެ ކުންފުނިތަކުން އެ ޤައުމުގައި މަސައްކަތްކުރުމަށް 40 ޕަސެންޓް ލޯކަލް ކޮންޓެންޓް ހިމެނުމަށް ލާޒިމްކުރެއެވެ. އެޕަލްއިން އެ ޤައުމުގައި ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތަކެއް ޤާއިމްކުރުމަށް ވައުދުވެފައިވެއެވެ.
މި ވަގުތު އެޕަލްއިން މި ވިއްކުން މަނާކުރުމާ ގުޅިގެން ކުރިއަށްދާނެ ގޮތެއްގެ ޕްލޭނެއް އޮތްކަން އެނގިފައެއް ނުވެއެވެ.