ޚަބަރު
ގޭންގު ކުށްތަކުގެ ޤާނޫނުގެ ދަށުން މާލެއިން ތިން މީހަކު ހައްޔަރުކޮށްފި

ގޭންގު ކުށްތަކުގެ ޤާނޫނުގެ ދަށުން މާލެއިން ހައްޔަރުކުރި ތިން މީހުން.

ފަރުދުން
06 ސެޕްޓެމްބަރު 2025، 11:28
06 ސެޕްޓެމްބަރު 2025، 11:28
އަލަށް ޢަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މާލޭ ސަރަޙައްދުން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރެވުނު މީހުންގެ ވަނަވަރު ފުލުހުން މިހާރު ވަނީ ހާމަކޮށްފައެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ޙަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޡާމް ވެގެން ނުރައްކާތެރި ކުށް ކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް، ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ ފާސްކޮށްފައެވެ.
އެގޮތުން، ފުލުހުން އެ ގެ ބަލައި ފާސްކުރިއިރު، އެ ގެއިން ތޫނު ހަތިޔާރު ވަނީ ފެނިފައެވެ. ވީމާ، މި މައްސަލައިގައި މއ. މޯނިންގވިޔު އަޙްމަދު ނަވާޒް (ޢ30) އާއި، ހަމަ އެގެއަށް ނިސްބަތްވާ އިބްރާހީމް ޒައިދާން (ޢ22) އާއި، ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދް (ޢ22) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެތިން މީހުންގެ ވަނަވަރު ވެސް ފުލުހުން މިހާރު ވަނީ ޢާންމުކޮށްފައެވެ.
މިމައްސަލައިގައި ހައްޔަރު ކުރެވުނު ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރުމުން، އަޙްމަދު ނަވާޒް 30 ދުވަހަށް، އަދި އިބްރާހީމް ޒައިދާނާއި މުޙައްމަދު ޝިދާދް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުން މި އަމުރު ނެރެފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ. މި މައްސަލައާ ބެހޭ އިތުރު ތަޙްޤީޤުތައް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ، ގޭންގު ކުށްތަކާއި، އިންތިޡާމްވެގެން ހިންގާ އެފަދަ އެހެން ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް، އެކުށްތަކަށް އަދަބު ކަނޑައެޅުމާއި، އެކުށްތަކަށް އަރައިގަންނަ މުޖުރިމުންނާމެދު ފިޔަވަޅު އެޅުމަށް ތަންފީޛީ އިދާރާތަކަށް ޚާއްޞަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލައި ފާސްކޮށްފައިވާ ޤާނޫނެކެވެ.
މި ޤާނޫނުގެ ދަށުން، އިންތިޡާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެއް ކަމުގައި ބެލެވެއެވެ. އަދި އިންތިޡާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީ ވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. މިފަދަ ކުށެއް ކޮށްފިނަމަ، އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް، 18 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އިއްވުން އެކަށީގެންވެއެވެ.