ޚަބަރު
ފުރިހަމަ ހަނދުކޭތައެއް މާދަމާރޭ ފެންނާނެ، ހުރިހާ ރަށެއްގައި ކޭތަނަމާދު ކުރާނެ

ބްލަޑްމޫން.

ފަރުދުން
06 ސެޕްޓެމްބަރު 2025، 01:50
06 ސެޕްޓެމްބަރު 2025، 01:50
މާދަމާރޭ ހިފާ ބްލަޑްމޫން ހަނދުކޭތައާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފައިވާ ސަރކިއުލާރއެއްގައި ވާ ގޮތުން، މާދަމާ ރޭ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 20:28 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 23:11 ގައި ކަމަށާއި, ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 01:55 ހާއިރު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އެހެންކަމުން، ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޡާމު މާދަމާދޭ 23:12 ގައި ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.
މާލޭގައި ކޭތަނަމާދުކުރަނީ އިސްލާމީ މަރުކަޒުގައެވެ. އަދި ހުޅުމާލޭގައި ކުރާނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ޤުއްބު މިސްކިތުގައެވެ.
މާދަމާ ރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފުރިހަމައަށް ފެންނާނެއެވެ. ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.
ކޭތަނަމާދަކީ މުޤީމުންނާއި ދަތުރުވެރީންނަށް ވެސް ސުންނަތް ވެގެންވާ ދެރަކުޢަތުގެ ނަމާދެކެވެ. ކޭތަ ނަމާދުގެ ޚާއްޞަކަމަކީ، އެހެން ނަމާދުތަކާ ޚިލާފަށް، އެނަމާދުގެ ކޮންމެ ރަކުޢަތެއްގައި 2 ރުކޫޢާއި ދެޤިޔާމު ހިމެނިގެންވާ ކަމެވެ. އަދި އެނަމާދުގައި ވަރަށް ދިގުކޮށް ކިޔަވާ ކަމެވެ. މިގޮތުން، ކޭތަނަމާދުގެ ފުރަތަމަ ރަކުޢަތުގެ ފުރަތަމަ ޤިޔާމުގައި ފާތިޙާ ސޫރަތަށް ފަހު ބަޤަރާ ސޫރަތުގެ މިންވަރު ކިޔެވުން މޮޅުވެގެން ވެއެވެ. އެއަށް ފަހު ރުކޫޢުކޮށް، ތެދުވެ، ދެވަނަ ޤިޔާމުގައި ފާތިޙާ ސޫރަތަށް ފަހުގައި އާލި ޢިމްރާން ސޫރަތުގެ މިންވަރު ކިޔެވުން މޮޅުވެގެން ވެއެވެ. އެއަށް ފަހު ރުކޫޢުކޮށް، އިޢުތިދާލަށް ތެދުވެ، ސަޖިދަކުރާނީއެވެ. 2 ސަޖިދަކުރުމަށް ފަހު، ދެވަނަ ރަކުޢަތަށް ތެދުވެ، ދެވަނަ ރަކުޢަތުގެ ފުރަތަމަ ޤިޔާމުގައި ފާތިޙާ ސޫރަތް ކިޔައި، ނިސާ ސޫރަތުގެ މިންވަރު ކިޔުން މޮޅުވެގެންވެއެވެ. އެއަށް ފަހު ރުކޫޢުކޮށް، ތެދުވެ، ދެވަނަ ޤިޔާމުގައި ފާތިޙާ ސޫރަތަށް ފަހު މާއިދާ ސޫރަތުގެ މިންވަރު ކިޔެވުން މޮޅުވެގެން ވެއެވެ. މިސޫރަތްތައް ނޫނަސް، ބައެއް އިމާމުން މިސޫރަތްތަކުގެ ދިގުމިނުގެ މިންވަރަށް އެހެން ސޫރަތްތައް ވެސް ކިޔަވައެވެ.
ކޭތަނަމާދުގައި ރަކުޢަތް ލިބޭނީ ކޮންމެ ރަކުޢަތެއްގެ ވެސް ފުރަތަމަ ރުކޫޢު ލިބުމުންނެވެ. ހަނދުކޭތަ ނަމާދުގައި އަޑުހަރުކޮށްކިޔުން ސުންނަތް ވެގެންވެއެވެ. ކޭތަ ނަމާދު ކުރުން މޮޅުއިތުރު ވެގެން ވަނީ، މިސްކިތުގައި ޖަމާޢަތުގައެވެ. ކޭތަ ނަމާދަށް ފަހު، އިމާމު މީހާ 2 ޚުޠުބާ ކިޔާނެއެވެ. މިދެޚުޠުބާގައި ތައުބާވުމަށާއި، ހެޔޮކަންތައް ކުރުމަށް ގޮވައިލާނެއެވެ. ކޭތަ ނަމާދު އެކަހެރި ކޮށް ވެސް ކުރެވިދާނެއެވެ. ނަމަވެސް، އެކަހެރިކޮށް ކޮށްފި މީހާގެ މައްޗަށް ޚުޠުބާ ކިޔުމެއް ނެތެވެ.