Ads by Farudhun

ޚަބަރު

އެމްއެމްއޭގެ ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެމްއެމްއޭގެ ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ... ފޮޓޯ: ދުވަސް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

05 އޮކްޓޯބަރު 2026، 12:46

05 އޮކްޓޯބަރު 2026، 12:46

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ "ފިންލިޓް ފެސްޓް 2026" ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭ އިން ވިދާޅުވީ، މިއީ ރާއްޖޭގައި މާލީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް އެ އޮތޯރިޓީން ކުރިއަށްގެންދާ ސިޔާސަތުތަކުގެ ތެރެއިން، ސްކޫލް ކުދިންގެ މެދުގައި މާލީ ދުޅަހެޔޮކަމުގެ މުހިންމުކަން އަންގައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށް އެމްއެމްއޭ އިން ވިދާޅުވެއެވެ. އެއީ ގްރޭޑް 5 އިން 7 ގެ ދަރިވަރުންގެ ކެޓަގަރީ އަދި ގްރޭޑް 8 އިން 9 ގެ ދަރިވަރުންގެ ކެޓަގަރީއެވެ. މި މުބާރާތުގައި ޑިޖިޓަލް ކުރެހުންތަކުގެ އިތުރުން އަތުން ކުރަހާ ޑިޖިޓަލް ނޫން ކުރެހުންތައް ވެސް ބަލައިގަންނާނެ ކަމަށް އެމްއެމްއޭ އިން ވަނީ ވިދާޅުވެފައެވެ.


އެގޮތުން މި މުބާރާތަށް ކުރެހުން ހުށަހެޅުމަށް އެމްއެމްއޭ އިން ވަނީ 5 ތީމެއް ކަނޑައަޅައިފައެވެ.

މުބާރާތަށް ކުރެހުން ހުށަހެޅޭނެ ތީމުތައް:

  • މާލީ ދުޅަހެޔޮކަމާއި ވިސްނުންތެރިކަމާއެކު ފައިސާ ގެންގުޅުން
  • ފައިސާ ރައްކާކުރުމާއި މުސްތަގުބަލުގެ އަމާޒުތައް
  • އެންމެން ބައިވެރިވާ މާލީ އިގުތިސާދު
  • އީޖާދުތަކާއި ކުރިމަގުގެ ފައިސާ
  • ރައްކާތެރި އަދި ޒިންމާދާރު ދެމެހެއްޓެނިވި މާލީ ނިޒާމު

އެމްއެމްއޭ އިން ވިދާޅުވީ، މި މުބާރާތުން ވަނަ ވަނައަށް ހޮވޭ ކުރެހުންތަކަށް 3،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، މުބާރާތަށް ހުށަހަޅާ މޮޅު ކުރެހުންތައް، އެމްއެމްއޭގެ އެކި އިވެންޓްތަކުގައްޔާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގައުމީ ކެމްޕޭނުތަކުގައި ބޭނުންކުރުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ކުރެހުމުގެ އަސްލު އެމްއެމްއޭ އަށް ހުށަހަޅައިގެން ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ކުރެހުން ހުށަހެޅޭނެ ކަމަށް އެމްއެމްއޭ އިން ވިދާޅުވެއެވެ. އެގޮތުން، އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން ކުރެހުންތައް ހުށަހެޅޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450