ދީން
ކޭތަ ނަމާދުގެ މުހިންމުކަމާއި ނަމާދު ކުރާނެ ގޮތް

ކޭތަ ނަމާދުގެ މުހިންމުކަމާއި ނަމާދު ކުރާނެ ގޮތް
ހުލާސާ
އިރުކޭތައެއް ނުވަތަ ހަނދުކޭތައެއް ހިފުމަކީ ދިރިއުޅުމުގެ ކޮންމެ މުސްލިމެއްގެ ހިތުގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާމެދު ވިސްނައި، ބިރުވެތިކަން އާލާކުރުވާނެ ޢިބްރަތްތެރި ކަމެކެވެ. މިފަދަ ވަގުތުތަކުގައި މުސްލިމުންނަށް ސުންނަތްވެގެންވަނީ ޚާއްސަ ނަމާދެއް ކުރުމެވެ؛ އެއީ ކޭތަ ނަމާދެވެ. މާތް ﷲއަށް ބިރުވެތިވެ، އެކަލާނގެ މަތިން ހަނދުމަ ކުރުމާއި، އިސްތިޣުފާރު ކުރުމާއި، ޞަދަޤާތް ދިނުން އިތުރުކުރުމަކީ މިފަދަ ވަގުތުތަކުގައި އެންމެ އެދެވިގެންވާ ކަންކަމެވެ.
ކޭތަ ނަމާދު ކުރާނެ ގޮތް:
ކޭތަ ނަމާދު ވެސް ކުރަން ފަށާނީ އެހެން ނަމާދުތައް ކުރާ ފަދައިން އެންމެ ފުރަތަމަ ނިޔަތްގަނެ ޙަރަމްބަންނާނީއެވެ. ދެން ވައްޖަހުތު ނުވަތަ دعاء الافتتاح ކިޔާނީއެވެ.
އެއަށްފަހު ސޫރަތުލްފާތިޙާ ކިޔަވައި، ދެން ކިޔަވާނީ ބަޤަރާ ސޫރަތެވެ. ނުވަތަ އެސޫރަތުގެ މިންވަރަށް އެހެން ސޫރަތްތަކެވެ.
ދެން الله أكبر ކިޔައި ރުކޫޢަށްދާނީއެވެ. ރުކޫޢުގައި ބަޤަރާސޫރަތުގެ 100 އާޔަތުގެ މިންވަރަށް ތަސްބީޙަކިޔާނީއެވެ.
ދެން سمع الله لمن حمده ކިޔައިފައި ޤިޔާމަށް އެބުރިއަންނާނީއެވެ.
ދެން އަނެއްކާވެސް އަލްޙަމްދު ކިޔަވައި، އެއަށްފަހު ކިޔަވާނީ އާލްޢިމްރާން ސޫރަތެވެ. ނުވަތަ ބަޤަރާ ސޫރަތުން 200 އާޔަތެވެ. ނުވަތަ އެމިންވަރެވެ.
އެއަށްފަހު ދެންދާނީ ރުކޫޢަށެވެ. ރުކޫޢުގައި ބަޤަރާސޫރަތުގެ 80 އާޔަތުގެ މިންވަރަށް ތަސްބީޙަކިޔާނީއެވެ.
ދެން سمع الله لمن حمده ކިޔާފައި ތެދުވެހުންނާނީ އިޢުތިދާލުގައެވެ.
އިޢުތިދާލުގައި ހުރުމަށްފަހު الله أكبر ކިޔައިފައި ދެންދާނީ ސަޖިދައަށެވެ. ސަޖިދަކުރާނީ އެހެނިހެން ނަމާދުގައިވެސް ސަޖިދަކުރާ ގޮތަށެވެ.
އެއަށްފަހު ދެސަޖިދަ ދެމެދު އިށީދެފައި އަނެއްކާވެސް ސަޖިދަކުރާނީއެވެ. މިއީ އެއްރަކުޢަތެވެ.
ދެވަނަ ރަކުޢަތް:
ދެން الله أكبر ކިޔައި ތެދުވާނީއެވެ. ދެވަނަ ރަކުޢަތުގައި އަލްޙަމްދު ކިޔުމަށްފަހު ކިޔަވާނީ ނިސާސޫރަތެވެ. ނުވަތަ ބަޤަރާ ސޫރަތުގެ 150 އާޔަތުގެ މިންވަރެވެ.
އެއަށްފަހު ރުކޫޢަށް ދާނީއެވެ. ރުކޫޢުގައި ތަސްބީޙަކިޔާނީ ބަޤަރާސޫރަތުގެ 70 އާޔަތުގެ މިންވަރަށެވެ.
ރުކޫޢުން ތެދުވެ އަނެއްކާވެސް އެނބުރިދާނީ ޤިޔާމަށެވެ. މިފަހަރު އަލްޙަމްދު ކިޔެވުމަށްފަހު ކިޔަވާނީ މާއިދާ ސޫރަތެވެ. ނުވަތަ ބަޤަރާ ސޫރަތުގެ 100 އާޔަތުގެ މިންވަރަށެވެ.
ދެންދާނީ ރުކޫޢަށެވެ. ރުކޫޢުގައި ތަސްބީޙަކިޔާނީ ބަޤަރާ ސޫރަތުގެ 50 އާޔަތުގެ މިންވަރަށެވެ.
ދެން ތެދުވެ އިޢުތިދާލުކޮށް ދެސަޖިދަކޮށް ފަހު އައްތަޙިއްޔާތުކިޔައި ސަލާމްދޭނީއެވެ.
އިތުރު މުހިންމު ކަންކަން:
ކޭތަ ނަމާދު ކުރާ ހިނދު ދިގުކޮށް ކުރުން ސުންނަތް ވެގެންވެއެވެ. ނަމަވެސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން ނަމާދު ކުރުމުން ރަނގަޅު ވާނެއެވެ. ޢަބްދުﷲ ބުން ޢަމްރޫ ބުނުލްޢާޞުގެ އަރިހުން ރިވާ ވެގެންވާ ޙަދީޘެއްގެ މާނާގައި ވެއެވެ. "ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އިރުކޭތައެއް ހިފުމުން މީސްތަކުންނަށް ގޮވާލެވުނެވެ. ހަމަކަށަވަރުން ނަމާދަށް އެއްވާ ހުއްޓެވެ. ފަހެ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެ ރުކޫޢާއެކު ނަމާދު ކުރެއްވިއެވެ. ދެން ތެދުވެވަޑައިގެން އަނެއްކާވެސް ދެރުކޫޢުއާއެކު ނަމާދު ކުރެއްވިއެވެ. އެއަށްފަހު އިށީނދެ ވަޑައިގެންނެވިއެވެ. އޭގެ ފަހުގައި އިރުކޭތަ ފިލައިގެން ދިޔައެވެ." (ރަވާހުލް ބުޚާރީ)
ހުކުރު ވަގުތާއި ދިމާވެއްޖެނަމަ:
ކޭތަ ހިފާ ވަޤުތު ހުކުރު ނަމާދުގެ ވަޤުތާ ދިމާވެއްޖެ ނަމަ ކޭތަ ނަމާދު ކުރުކޮށް ކުރުން ހުއްޓެވެ. އަލްއިމާމުއްޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "ކޭތަ ހިފާ ވަޤުތު ހުކުރު ވަޤުތާ ދިމާވެއްޖެ ނަމަ ކޭތަނަމާދުގެ ދެރަކުޢަތް ލުއިކޮށް ކުރާހުށިކަމެވެ. ސޫރަތުލްފާތިޙާ ކިޔެވުމަށް ފަހު ސޫރަތުލްއިޚްލާޞް ފަދަ ކުރު ސޫރަތެއް ކިޔެވުން ހުއްޓެވެ. ކޭތަނަމާދަށް ފަހު ހުކުރު ޚުޠުބާ ދޭ ހުއްޓެވެ. އަދި ހުކުރު ޚުޠުބާގައި ކޭތައިގެ ވާހަކަ ޒިކުރު ކުރާ ހުށިކަމެވެ."
ޚުޠުބާ ދިނުމާއި ހިނައިގަތުން:
ކޭތަ ނަމާދުކޮށް އަވަދިވުމަށްފަހު ދެޚުޠުބާކިޔުން ސުންނަތްވެގެންވެއެވެ. މިއީ ރުކުންތަކާއި ޝަރުޠުތަކުގައި ހުކުރު ނަމާދުގެ ޚުޠުބާއާއި އެއްފަދަ ދެޚުޠުބާއެވެ. ޚުޠުބާ ކިޔާނީ ޖަމާޢަތުގައި ނަމާދުކުރާނަމައެވެ. ކޭތަ ނަމާދަށްޓަކައި ހިނައިގަތުމަކީ ސުންނަތްކަމެކެވެ.
ރަކުޢަތް ލިބުން:
ކޭތަ ނަމާދުގައި ރަކުޢަތްލިބޭނީ ކޮންމެ ރަކުޢަތެއްގެވެސް ފުރަތަމަ ރުކޫޢުގެ ކުރިން އިމާމާޔާއި ތަބަޢަވެވުނު ނަމައެވެ.
އަންހެނުންގެ ބައިވެރިވުން:
ކޭތަ ނަމާދު ކުރާ ޖަމާޢަތަށް އަންހެނުން ޙާޟިރުވުން ސުންނަތް ވެގެންވެއެވެ. ނަމަވެސް އެކަނބަލުން މިސްކިތަށް ޙާޟިރުވުމުގައި އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުވާގޮތަށް ދިއުން ހުއްޓެވެ. އަސްމާ ބިންތު އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘްއްގެ މާނާގައި ވެއެވެ. އިރުކޭތަ ހިފާފައިވާތަން ފެނިވަޑައިގެން ހިނދު ތިމަންކަމަނާ ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެންނެވީމެވެ. އެހިނދު މީސްތަކުން ތިބީ ނަމާދު ކުރާށެވެ. އަދި އެކަމަނާ ވެސް ހުންނެވީ އެހެން މީހުންނެކޭ އެއްފަދައިން ނަމާދު ކުރައްވާށެވެ." (ރަވާހުލްބުޚާރީ)
މިފަދަ ކޮންމެ ހާލަތެއްގައިވެސް މާތް ﷲއަށް ބިރުވެތިވެ، އެކަލާނގެ މަތިން ގިނަގިނައިން ހަނދުމަ ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ވާޖިބުކަމެކެވެ.