ޚަބަރު
ކުރީ ސަރުކާރުތަކުގެ ދަރަނި ދެއްކުމަށް 7 ބިލިއަނާ ގާތްކުރާ އަދަދެއް ހޭދަވީއިރު، ބަޖެޓު އަރަނިކޮށްފި!

ދަރަނި ދެއްކުމަށް 7 ބިލިއަނާ ގާތްކުރާ އަދަދެއް ހޭދަވީއިރު، ބަޖެޓު އަރަނިކޮށްފި
ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް މި އަހަރުގެ މިހާތަނަށް ހަތް ބިލިއަން ރުފިޔާއާ ގާތްކުރާ ބޮޑު އަދަދެއް ހަރަދުވެފައިވާ ކަމަށް މާލީ ވުޒާރާއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ބޮޑު ހަރަދާއެކުވެސް، ދައުލަތުގެ ބަޖެޓު މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ވަނީ އަރަނިވެފައެވެ.
މާލީ ވުޒާރާއިން ހަފްތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން އާއްމުކުރި ހިސާބުތަކަކީ އޯގަސްޓު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ދައުލަތުން ކުރި ހަރަދުތަކުގެ ތަފުސީލެވެ. މި ހިސާބުތަކުން ފާހަގަކުރެވުނު މުހިންމު ކަމަކީ، މި އަހަރު ދައުލަތުން ދަރަނި އަދާކުރުމަށް ކުރި ހޭދަ ނިމުނު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެވެ.
ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލޯނުތައް ދެއްކުމަށް ހަރަދުކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ލޯނުތައް ދެއްކުމަށް އެކަނި 3.9 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. މިއީ ނިމުނު އަހަރާ އަޅާބަލާއިރު ލޯނު ދެއްކުމަށް ކުރި ހަރަދު 144 އިންސައްތަ އިތުރުވުމެވެ.
ލޯނުތައް ދެއްކުމަށް ކުރި ހަރަދުގެ އިތުރަށް އިންޓަރެސްޓު ދެއްކުމަށާއި ފައިނޭންސް ކުރުމަށް ކުރަންޖެހުނު ހަރަދުތަކާއެކު މި އަހަރު ދަރަނި އަދާކުރުމަށް ޖުމްލަ 6.7 ބިލިއަން ރުފިޔާ ހަރަދުވިއެވެ. ނިމުނު އަހަރު އިންޓަރެސްޓު އަދާކުރުމާއި ފައިނޭންސްކުރުމުގެ ހަރަދުތަކާއެކު ދަރަނި އަދާކުރުމަށް ހޭދަވީ 4.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު ދަރަނި އަދާކުރުމަށް މި އަހަރު ކުރަންޖެހުނު ހަރަދު 48 އިންސައްތަ އިތުރުވެފައިވެއެވެ.
ދަރަނި އަދާކުރުމުގެ ހަރަދުތައް މިހާ ބޮޑަށް އިތުރުވީ ނަމަވެސް، މި އަހަރުގެ އޯގަސްޓު 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުތައް ލިބުނު އާމްދަނީއަށްވުރެ އިތުރުވިޔަނުދީ ހިފަހެއްޓުމަށް ކާމިޔާބުވެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ނިމުނު އަހަރުގެ އޯގަސްޓު މަހުގެ ފަހުކޮޅާ ހަމައަށް 5.2 ބިލިއަން ރުފިޔާއިން ޑެފިސިޓުވި ބަޖެޓު މި އަހަަރުގެ އެ މުއްދަތުގައި ވަނީ 536 މިލިއަން ރުފިޔާއިން އަރަނިވެފައެވެ.
މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ބަޖެޓު ޑެފިސިޓެއް ނެތްއިރު ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ހަރަދުތައް 15 އިންސައްތައިން ދަށްކުރެވިފައިވެއެވެ. ހަރަދުތައް ކުޑަކުރެވުނުއިރު ނިމުނު އަހަރު ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވިކަން މާލީ ހިސާބުތަކުން ހާމަކޮށްދެއެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުން ފެންނަން ހުރި ހެޔޮ ބަދަލެކެވެ.