ދުނިޔެ
އިސްރާއީލުން ސޫރިޔާ އާއި ދެކޮޅަށް ހިންގާ ހަނގުރާމަވެރި ޢަމަލުތައް އިތުރުކުރަނީ

އިސްރާއިލުން ސޫރިޔާއަށް ދިން ހަމަލާއެއްގެ ސަބަބުން ދުން އަރަނީ
އިސްރާއިލުން ސޫރިޔާ އާއި ދެކޮޅަށް ހިންގާ ހަނގުރާމަވެރި ޢަމަލުތައް އިތުިރުކުރަން ނިންމާފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.
އިސްރާއިލުން މިފަދައިން ނިންމައިފައިމިވަނީ އިސްރާއިލާއި ސީރިޔާއާއި ދެމެދު މި މަހުގެ ނިޔަލަށް ސޮއިކުރެވިދާނެ ކަމަށް ބެލެވޭ ސަލާމަތީ އެއްބަސްވުމަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދަނިކޮށެވެ.
ފާއިތުވި ހަފްތާތަކުގައި އިސްރާއީލުން ވަނީ ސޫރިޔާގެ އަސްކަރީ މަރުކަޒުތަކާއި އިންފްރާސްޓްރަކްޗަރ އަމާޒުކޮށް ވައިގެ ހަމަލާތައް އިތުރުކޮށް، ސޫރިޔާގެ ސަރަހައްދުތަކަށް ވަދެ، އިންސާނީ އަދި މާއްދީ ގެއްލުންތައް ދީފައެވެ.
"އިސްރާއީލުން ބޭނުންވަނީ ސޫރިޔާއާއެކު ސުލްހައެއް ނޫން. އެ ޤައުމުން ބޭނުންވަނީ ސޫރިޔާ އިސްރާއީލަށް ބޯލަނބައި ކިޔަމަންވުން،" ފަލަސްޠީނުގެ ދިރާސާވެރިއެއް ކަމަށްވާ އިބްރާހީމް އަލް-މަދްހޫން ވިދާޅުވެފައިވެއެވެ.
ސޫރިޔާގެ ރައީސް އަހްމަދު އައް-ޝަރުޢު ވަނީ ދިމިޝްޤުގައި ޢަރަބި ނޫސްވެރިންނާ ބައްދަލުކޮށް، އިސްރާއީލާއެކު ކުރެވޭ މަޝްވަރާތައް އަމާޒުކުރެވިފައިވަނީ 1974 ގެ އެއްބަސްވުން އައުކުރުމަށް ކަމަށާއި، ދެކުނު ސޫރިޔާއާ ގުޅޭ އައު ސަލާމަތީ އިންތިޒާމުތަކެއް މަޝްވަރާކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިވަގުތު އިސްރާއީލާއެކު ޢާންމު ގުޅުން ބަދަހިކުރުމާއި ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ ވާހަކައެއް ނޫޅޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އިސްރާއިލްގެ އެތެރެއިން ކުރިމަތިވެފައިވާ ފިއްތުންތަކާއި މައްސަލަތަކުން ސަލާމަތްވުމަށް، ސީރިއާއަށް ދެމުންދާ ހަމަލާތައް އިތުރުކޮށްފައިވާކަމަށް ސިޔާސީ މާހިރުން ފާހަގަކުރަމުންދެއެވެ. މީގެ އިތުރުން އޮކްޓޯބަރު 7 ގެ ހަމަލާތަކާ ގުޅިގެން އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި، ކޮރަޕްޝަންގެ މައްސަލަތަކުން ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ބެލެވެއެވެ.
ޣައްޒާގެ ސިޔާސީ އަދި ތަރައްޤީގެ ދިރާސާތަކުގެ މަރުކަޒުގެ ޑިރެކްޓަރު ރާމީ ހަރީސް ވިދާޅުވި ގޮތުގައި، ނަތަންޔާހޫ އަކީ އޭނާގެ އެތެރޭގެ މައްސަލަތަކުން ސަލާމަތްވުމަށް، އެ މައްސަލަތައް ބޭރަށް ބަދަލުކުރުމަށް މަސައްކަތްކުރާ ލީޑަރެކެވެ.
މިގޮތުން އޮކްޓޯބަރު 7 ގެ ހަމަލާތަކުގެ ޒިންމާ އުފުލުމުން ރެކުމަށާއި، އަސްކަރީ ހަމަލާތައް އިތުރުކޮށްގެން އެތެރޭގެ މައްސަލަތަކުން ސަމާލުކަން އެއްކިބާކުރުމަށް މަސައްކަތްކުރަމުންދެއެވެ.
އިސްރާއީލީ ކަންތައްތަކުގެ ދިރާސާކުރާ ހާލިދު ހަލީލް ވިދާޅުވި ގޮތުގައި، މިހާރުގެ ސަރުކާރަކީ އިސްރާއީލުގެ ތާރީހުގައި އެންމެ ހަރުކަށި ސަރުކާރު ކަމަށް ބެލެވޭއިރު، އެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަމަޖެހުމެއް ހޯދުމަށްވުރެ ބޮޑަށް ހަނގުރާމައިގެ މާހައުލެއް ދެމެހެއްޓުމަށެވެ.
އަދި ނަތަންޔާހޫ އަކީ ހަމައެކަނި ބޮޑުވަޒީރެއްގެ އިތުރުން "ބޮޑު އިސްރާއީލް" ގެ އައިޑިއޮލޮޖީ އާލާކުރުމަށް މަސައްކަތްކުރާ ތާރީހީ ލީޑަރެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.