ކުޅިވަރު
ސުޕަރ ކަޕްގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ

ސުޕަރ ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ ކުޅުނު މެޗު، ފޮޓޯ: ފުޓުބޯޅަ އެސޯސިއޭޝަަން އޮފް މޯލްޑިވްސް
ސްރީލަންކާއިން އިންތިޒާމުކޮށްގެން ބާއްވާ ސުޕަރ ކަޕްގެ ފުރަތަމަ މެޗުން އެ ޤައުމުގެ މައްޗަސް 3-0އިން ދިވެހިރާއްޖޭގެ ޓީމު ކުރި ހޯދައިފިއެވެ.
ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. ރާއްޖެގެ ފުރަތަމަ ގޯލަކީ އިބްރާހިމް އައިސަމް ނެގި ކޯނަރަކުން ނާއިޒު ހަސަން (ދާދު) ބޮލުން ކާމިޔާބުކުރި ގޯލެކެވެ.
އަދި ރާއްޖޭގެ ދެވަނަ ގޯލަކީ ޑިފެންޑަރުންގެ ތެރެއިން ދިން ޕާހެއް ހޯދައި ދާދު ހުސްކޮށްލާފަ ދިން ބޯޅައަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ކާމިޔާބުކުރި ގޯލެކެވެ.
ލަންކާއަށް މުޅި މެޗުގައި ވެސް ލިބުނު އެންމެ ރަނގަޅު ފުރުސަތަކަށްވީ، ދެވަނަ ހާފުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެވެ. ނަމަވެސް ލަންކާގެ ސޭމް ޑުރާންޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލަށް ސީދާނުވެއެވެ.
ރާއްޖޭގެ ފަހު ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި އަލީ ފާސިރު (ސެންޓޭ)އެވެ. މި ގޯލަށް އެސިސްޓުކޮށްދިނީ ބަދަލަކަށް ކުޅެން އެރި، 16 އަހަރުގެ މުހައްމަދު އިލާން އިމްރާންއެވެ.
މި މުބާރާތުގައި ކުރިން ހަތަރު ޓީމެއް ވާދަކުރަން އޮތް ނަމަވެސް، އެ ތަނުން ދެ ޓީމެއް މުބާރާތުގައި ވާދަނުކުރަން ނިންމުމުން މި މުބާރާތުގައި ކުޅެނީ ލަންކާ އާއި ރާއްޖެ އެކަންޏެވެ. އެހެންކަމުން މި މަހުގެ 9ވަނަ ދުވަހު ކުޅޭ ދެވަނަ ލެގުގައި 3 ގޯލުގެ ތަފާތަކުން ރާއްޖެ ބަލިނުވެއްޖެނަމަ މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ރާއްޖެއަށެވެ.
އިއްޔެ ލަންކާއާ ދެކޮޅަށް ކުޅުނު މެޗަކީ ރާއްޖޭގެ ޓީމުގެ ކޯޗުގެ މަޤާމަށް ދާދިފަހުން ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ ފުރަތަމަ މެޗެވެ. އަދި އެއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރު ވެސް މެއެވެ.
މި މެޗަށް ނިކުތުމުގެ ކުރިން ރާއްޖެ އެންމެ ފަހުން މޮޅުވީ މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝް އަތުން 1-0 އިންނެވެ. އޭގެ ފަހުން ކުޅުނު ފަސް މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ
ރާއްޖެއާ ދެކޮޅަށް ކުޅުނު 23 މެޗުގެ ތެރެއިން ލަންކާ މޮޅުވީ ތިން މެޗުންނެވެ. އޭގެ ތެރެއިން ދިހަ މެޗު އެއްވަަރުވިއިރު، ރާއްޖެއިން ވަނީ 10 މެޗު ކާމިޔާބުކޮށްފައެވެ. ލަންކާއިން އެންމެ ފަހުން ބައިނަލްއަޤުުވާމީ ފުޓްބޯޅައިގައި ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.