ކުޅިވަރު
ސަބަލެންކާ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

ސަބަލެންކާ ވަނީ މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައި، ފޮޓޯ: އޭއެފްޕީ
ދުނިޔޭގެ 8ވަނައަށް ސީޑު ކޮށްފައިވާ އެމެރިކާގެ އެމަންޑާ އެނިސިމޯވާ ބަލިކޮށް، ބެލަރޫސްގެ އެރީނާ ސަބަލެންކާ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫއެސް އޯޕަން ކާމިޔާބުކޮށްފިއެވެ.
ދުނިޔޭގެ އެއްވަނައަށް ސީޑުކޮށްފައިވާ ސަބަލެންކާ މި މެޗު ކާމިޔާބުކުރީ 6-3، 7-6(3)އިންނެވެ. އަދި މި މުބާރާތާއެކު މިހާތަނަށް ސަބަލެންކާ މިވަނީ 4 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައެވެ.
2022ވަނަ އަހަރުގެ ފަހުން ހާޑްކޯޓުގައި ކުޅުނު އެއްވެސް ފައިނަލަކުން ބަލިވެފައިނުވާ ސަބަލެންކާއަކީ ވީނަސް ވިލިއަމްއަށް ފަހު ޔޫއެސް އޯޕަން ޓެނިސް މުބާރާތް ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. ވީނަސް ވިލިއަމްސް ވަނީ 2012އިން 2014އަށް މެދުކެނޑުމެއް ނެތި އެ މުބާރާތް 3 ފަހަރު ކާމިޔާބުކޮށްފައެވެ.
މި މުބާރާތަކީ އެނިސިމޯވާ ބޮޑު މުބާރާތެއްގެ ފައިނަލުގައި ކުޅުނު ދެވަނަ ފަހަރެވެ. އެމެރިކާގެ ނިއު ޖާރޒީއަށް އުފަން އެނިސިމޯވާއަށް ސަޕޯޓުކުރުމަށް އާރުތޫރު އެޝެ ސްޓޭޑިއަމްއަށް ވަދެތިބި ސަޕޯޓަރުންގެ ހިތްވަރާއެކު އޭނާ މެޗު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އުމުރުން 27 އަހަރުގެ ސަބަލެންކާގެ މޮޅު ކުޅުމުގެ ސަބަބުން، އޭނާއަށް މެޗުގެ އެއްވެސް ސެޓެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
މުބާރާތުގެ ފައިނަލަށް ސަބަލެންކާ ދަތުރުކުރީ ވެސް އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިއަކު ބަލިކުރުމަށްފަހުއެވެ. ދުނިޔޭގެ 4ވަނައަށް ރޭންކުކޮށްފައިވާ ޖެސިކާ ޕެގިއުލާގެ މައްޗަށް އެ މެޗުގައި ސަބަލެންކާ ކުރި ހޯދީ 2-1 ސެޓުންނެވެ.
އަނެއްކޮޅުން އެނިސިމޯވާ ސެމީފައިނަލްގައި ބަލިކުރީ ޖަޕާނުގެ ނައޯމީ އޮސާކާއެވެ.
އުމުރުން 6 އަހަރުގެ ޓެނިސް ކުޅެން ފެށި ސަބަލެންކާ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ދެ ފަހަރެއްގެ މަތިން އޮސްޓްރޭލިއަން އޯޕަން ވެސް ކާމިޔާބުކޮށްފައެވެ.
ޔޫއެސް އޯޕަންގެ ސިންގަލްސް ފިރިހެން އަދި އަންހެން ޗެމްޕިއަނުންނަށް މިފަހަރު ވަނީ 5 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމާފައެވެ. އަދި ރަނަރަޕުންނަށް ލިބޭނީ 2.5 މިލިއަން އެމެރިކާ ޑޮލަރެވެ.