Ads by Stelco

ޚަބަރު

ތިނަދޫގައި ޢިމާރާތްކުރާ 200 ރޯހައުސް އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ތިނަދޫގައި ޢިމާރާތްކުރާ 200 ރޯހައުސް އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ތިނަދޫގައި ޢިމާރާތްކުރާ ރޯހައުސްތައް. ފޮޓޯ: ހުވަދޫ މީޑިޔާ

farudhun logo

ފަރުދުން

07 ސެޕްޓެމްބަރު 2025، 10:23

07 ސެޕްޓެމްބަރު 2025، 10:23

ގ.ދ. އަތޮޅު ތިނަދޫގައި ޢިމާރާތްކުރާ 200 ރޯހައުސް އަށް ޝަރުޠުހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ޢިމާރަތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. ތިނަދޫގައި ތަރައްޤީކޮށްފައިވާ މި ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު ވެސް އެވުޒާރާއިން ވަނީ ޢާމުކޮށްފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒަރާއިން ހާމަކޮށްފައިވާ ގޮތުގައި، ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯހައުސްތަކަށް އެދުމުގެ ފުރުޞަތު މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. މި ރޯހައުސްތަކަށް އެދުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ:

hiyaavehi.housing.gov.mv

ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލުގައި ވާގޮތުން، އެ ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހިޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ ފަރާތްތަކަށެވެ. އަދި ދިވެއްސަކަށް ވުމާއެކު ޢުމުރުން 18 ވެފައިވުމަކީ ރޯހައުސްތަކަށް ހުށަހެޅުމުގެ ޝަރުޠެކެވެ. ހަމައެހެންމެ، ރޯހައުސް އަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެނުވަތަ އެޔަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބިފައިވާ ފަރާތަކަށްމެ ވެގެން ނުވާނެއެވެ.

މި އުޞޫލުގެ ދަށުން ޕޮއިންޓް ދިނުމުގެ މިންގަނޑު ތަރުތީބު ކުރުމުގައި އާޢިލާގެ ކުޑަބޮޑު މިނަށާއި ދިރިއުޅުމުގެ ޙާލަތަށް ބަލާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާޢީ ރައްކައުތެރިކަން ބޭނުންވާ ފަރާތް ނުވަތަ ޝަރުޢީގޮތުން ނުވަތަ ޤާނޫނީގޮތުން ޙަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތްތަކަށް ބަލާނެއެވެ.

ރޯހައުސް އަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ބަލައި، ރޯހައުސް އަށް އެދި ހުށަހަޅާ ހުށަހެޅުންތައް މުރާޖަޢާކުރާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުންނެވެ.

ގ.ދ. ތިނަދޫގައި ޢިމާރާތް ކޮށްފައިވާ 200 ރޯހައުސް އަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިޢުލާންކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެހެނަސް، ތިނަދޫ ކައިންސިލުން އެކަމަށް އިޢުލާން ކުރީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ހުއްދަ ނުހޯދާ ކަމަށް ވުމުން، އެ އިޢުލާން ބާޠިލުކުރީއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން