ދުނިޔެ
އެމެރިކާގެ ދިފާޢީ ވުޒާރާގެ ނަން ހަނގުރާމައާ ބެހޭ ވުޒާރާއަށް ބަދަލުކޮށްފި!

ހަނގުރާމައިގެ ޑިޕަރޓްމެންޓް

ފަރުދުން
07 ސެޕްޓެމްބަރު 2025، 10:22
07 ސެޕްޓެމްބަރު 2025، 10:22
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އަމުރަށް، އެޤައުމުގެ ދިފާޢީ ވުޒާރާގެ ނަން ހަނގުރާމައާ ބެހޭ ވުޒާރާގެ ނަމަށް އަލުން ބަދަލުކޮށްފިއެވެ.
މީލާދުން 1789 ވަނަ އަހަރުން ފެށިގެން 1949 ވަނަ އަހަރާ ހަމައަށް އެމެރިކާގައި އޮތީ "ހަނގުރާމައިގެ ވުޒާރާ" އެކެވެ. ނަމަވެސް، ދެވަނަ ޢާލަމީ ބޮޑު ހަނގުރާމައަށް ފަހު ގެނައި އިޞްލާޙުތަކާއެކު، އެވުޒާރާގެ ނަން ވަނީ "ދިފާޢީ ވުޒާރާ" ގެ ނަމަށް ބަދަލުކޮށްފައެވެ. އެ ބަދަލު ގެނައީ އެމެރިކާއަކީ ހަމަނުޖެހުންތަކާއި ފަސާދަވެރިކަމުން އެއްކިބާވެފައިވާ ޤައުމެއްގެ ގޮތުގައި ދެއްކުމުގެ ނިޔަތުގައެވެ.
ދިފާޢީ ވުޒާރާގެ ނަން ހަނގުރާމައާ ބެހޭ ވުޒާރާގެ ނަމަށް ޓްރަމްޕް އަލުން ބަދަލުކުރެއްވުމަކީ، ޔޫ.އެސް. ގެ ޢަސްކަރިއްޔާއާ މެދު ދެކެވޭ ގޮތް ބަދަލުކުރެއްވުމަށް ގެންނަވާފައިވާ ބަދަލެއް ކަމަށް ލަފާކުރެވެއެވެ. އެ ފަދަ ގޮތަކަށް ނަމަށް ބަދަލު ގެންނަވާފައިވަނީ އެމެރިކާގެ ޢަސްކަރިއްޔާގެ ވަރުގަދަކަމާއި ހައިބަތު ދައްކުވައިދިނުމަށް ކަމަށް ބެލެވެއެވެ.
މިނިންމެމުމާ މެދު ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދިފާޢީ ވުޒާރާގެ ނަމަށް ގެންނަވާފައިވާ ބަދަލަކީ އެ ވުޒާރާގެ ޝަޚުޞިއްޔަތަށް ބަދަލު ގެނެސްދޭ ކަމެއް ކަމަށެވެ. މިއީ ކުރި ހޯދުމާއި ކާމިޔާބީ ހޯދުމާ ގުޅިފައިވާ ނިންމުމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ އެންގެވުމާއެކު ދިފާޢީ ވުޒާރާގެ ނަމަށް ގެންނަންޖެހޭ ބަދަލު ވަޤުތުން ގެނެސް، ޕެންޓަގަން ގެ ނަން ބޯޑު "ޑިޕަރޓްމެންޓް އޮފް ވޯރ" އަށް ބަދަލުކޮށް، ދިފާޢީ ވަޒީރު ޕީޓް ހެގްސެތަށް ދެން މުޚާޠަބު ކުރެވޭނީ ހަނގުރާމައާ ބެހޭ ވަޒީރުގެ ގޮތުގައި ކަމަށް އިޢުލާނުކޮށްފައެވެ.
Workers take down "Secretary of Defense" signage at The Pentagon pic.twitter.com/70lO1fSVkg
— CSPAN (@cspan) September 5, 2025
ދިފާޢީ ވުޒާރާގެ ނަން ބަދަލުކުރުމަށް ޓްރަމްޕް އެންގެވި އެންގެވުމުގައި އެ ބަދަލަކީ ދާއިމީ ބަދަލަކަށް ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެގްސެތަށް އަންގަވައިފައެވެ. ނަމަވެސް ރަސްމީކޮށް ޤާނޫނީ ގޮތުން ނަމަށް ބަދަލު ގެނައުމަށް ޤާނޫނުހަދާ މަޖިލިހުގެ ރުހުން ޢާންމުގޮތެއްގައި ބޭނުންވާނެއެވެ. ޤާނޫނުހަދާ މަޖިލިހުގެ ހަނި އަޣުލަބިއްޔަތެއް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ލިބިފައިވި ނަމަވެސް، މި ޙާލަތުގައި މަޖިލިހުގެ ރުހުން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމާމެދު ޓްރަމްޕް ވަނީ ސުވާލު އުފައްދަވައިފައެވެ. ދިފާޢީ ވުޒާރާގެ ނަމަށް ބަދަލުގެނައުމަށް ހުށަހަޅައި ރިޕަބްލިކަން ޕާޓީއަށް ނިޞްބަތްވާ ޤާނޫނުހަދާ މަޖިލިހުގެ މެންބަރުން މިހާރު ވަނީ ބިލުތައް ތަޢާރަފްކުރައްވައިފައެވެ.
ފާޑުކިޔުންތެރިން ދެކޭ ގޮތުގައި، މިވަޤުތު ދިފާޢީ ވުޒާރާގެ ނަމަށް ބަދަލު ގެނައުމަކީ ބޮޑު ޚަރަދެެއް ހިނގާނެ ކަމެކެވެ. އަދި އެއީ ބޭނުމެއް އޮތް ކަމެއް ނޫން ކަަމަށާއި އެއީ މުހިންމު އެހެން ކަންކަމަށް ވުޒާރާއިންދޭ ސަމާލުކަން ގެއްލުވާލައި ފަދަ ނިންމުމެއް ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާގެ ނަމަށް މިބަދަލު ގެނުވުމަކީ އެތައް ބިލިޔަން ޑޮލަރެއް ޚަރަދުވާނެ ކަމެއް ކަމަށް ބައެއް މާހިރުން އަންދާޒާކުރައްވައެވެ. ސަބަބަކީ، އެމެރިކާގައި އެކަނި ވެސް 7 ލައްކަ ފެސިލިޓީގައި އެވުޒާރާގެ ނަންބޯޑާއި ނިޝާން ބަދަލުކުރަން ޖެހޭނެއެވެ. އަދި ޔޫ.އެސް. އިން ބޭރު 40 ޤައުމުގައި ވެސް މިފަދަ ކަންކަން ކުރަން ޖެހޭނެއެވެ. އަދި ރަސްމީ ލިޔެކިޔުންތަކަށް ވެސް ބަދަލުގެންނަން ޖެހޭނެއެވެ.
މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ދުވަސްވަރު، ޢަސްކަރިއްޔާގެ ބޮޑުކަމާއި ހައިބަތު ދެއްކެވުމަށް އޭނާ ވަނީ އެޤައުމުގައި ބިޔަ ޢަސްކަރީ ހިނގާލުމެއް ވެސް ބާއްވަވައިފައެވެ. މި ފަދަ ޕެރޭޑުތައް ބޭއްވުމަކީ އެމެރިކާގައި ގިނަގިނައިން ކޮށް އުޅޭ ޛާތުގެ ކަމަކަށް ނުވާ އިރު، އެމެރިކާގެ ޤައުމިއްޔަތާއި ޢަސްކަރީ ބާރު މި ހިނގާލުމުން ދައްކުވައިދީފައިވެއެވެ.
އެމެރިކާގެ ބައެއް ޢަސްކަރީ މަރުކަޒުތަކަށް މީގެ ކުރިން ދީފައިވީ ނަންތަކަކީ އަޅުން ގެންގުޅުމާއި ދާޚިލީ ހަނގުރާމަތަކަށް ނިސްބަތްކޮށް ދީފައިވީ ނަންތަކަށް ވީ އިރު، ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން 2020 ވަނަ އަހަރުގެ ތެރޭގައި އެ މަރުކަޒުތަކުގެ ނަންތައް ވަނީ ބަދަލުކުރެވިފައެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ މަރުކަޒުތަކުގެ ނަންތައް އަލުން ބަދަލުކުރެއްވުމަށް މަސައްކަތްކުރައްވައި، އެއީ ޢަސްކަރީ ތާރީޚު ދަމަހައްޓައި ޘަޤާފަތް ދިރުވައިދޭ ކަމެއްގެ ގޮތުގައި ޞިފަކުރައްވާފައެވެ.