ޚަބަރު
ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާ ކުރުމުގެ މަސައްކަތް ފަށައިފި

ޑޮމެސްޓިކް އެއާޕޯޓް/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ފަށައިފިއެވެ.
މި މަސައްކަތަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އެއަރޕޯޓުތައް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް އެމްއޭސީއެލުން ކުރަމުން އަންނަ މަސައްކަތެކެވެ.
މި މަސައްކަތުގައި އިސްކޮށް ހުންނަވަނީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ. އެގޮތުން، މި މަސައްކަތުގެ ދަށުން އެމްއޭސީއެލް އިން އަލަށް ހަވާލުވެފައިވާ ނުވަ ޑޮމެސްޓިކް އެއާޕޯޓަށް އެކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި، ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް، އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަނެ، ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.
އެމްއޭސީއެލުން އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ދަށުން އެ ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި، ޓެކްނިކަލް ޓީމުން ނިމިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ ދެކުނުގައި އޮންނަ ފުވައްމުލައް އެއާޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބައްލަވާލައްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާ މުހިންމު ކަންކަމާމެދު މަޝްވަރާކުރައްވާފައިވާކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އާއި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމެވުމާއެކު، އާރުއޭސީއެލް އިން ހިންގަމުން އައި 9 އެއާޕޯޓެއްގެ އޮޕަރޭޝަންއާ އެމްއޭސީއެލް އިން ވަނީ ހަވާލުވެފައެވެ.