ކުޅިވަރު
ސުޕަރ ކަޕްގެ ފެނިލުމާއެކު، ޤައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު އިލާންއަށް

ޤައުމީ ސީނިއަރ ޓީމަށް ކުޅެން ނިކުތް އިރު އިލާންގެ އުމުރަކީ 16 އަހަރު---
ލަންކާގައި މިހާރު ކުރިޔަށްދާ ސުޕަރ ކަޕްގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ކުޅެން އަރައި، ޤައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު، ޒުވާން ފޯވާޑް އިލާން އިމްރާން ހޯދައިފިއެވެ.
އިއްޔެ ހަވީރު ސްރީލަންކާގެ ރޭސް ހޯސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނިކުތްއިރު އިލާންގެ އުމުރަކީ 16 އަހަރެވެ.
ޤައުމީ ފުޓުބޯޅަ ޓީމުގެ އައު ކޯޗު، މުޙައްމަދު ޝިޔާޒް (މޯހަން) ޓީމާ ހަވާލުވިފަހުން ފުރަތަމަ ފަހަރަށް އެކުލަވާލި ސްކޮޑުގައި އޭނާ ވަނީ ޒުވާން ޓީމުގެ ދެ ކުޅުންތެރިން ހިމަނާފައެވެ.
އިއްޔެގެ މެޗަށް އިލާން ނިކުތީ ނިމެން 5 މިނެޓަށް ވެފައި ވަނިކޮށެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި އޭނާ ކޮށްދިން އެސިސްޓާއެކު، އަލީ ފާސިރު (ސެންޓޭ) ވަނީ މެޗުގެ 3ވަނަ ގޯލު ކާމިޔާބުކޮށްފައެވެ.
ރާއްޖެ އާއި ސްރީލަންކާ ވާދަކުރާ ސުޕަރ ކަޕްގައި އިއްޔެ ކުޅުނު މެޗުގައި 3-0އިން ލަންކާގެ މައްޗަށް ކުރި ހޯދީ ރާއްޖެއެވެ.
މީގެ ކުރިން ރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިއަކީ ބުރު ސްޕޯޓްސް ކުލަބުގެ އަބްދުﷲ ޔާމީންއެވެ. ސިންގަޕޫރާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗެއްގައި ޔާމީން ކުޅުނުއިރު އޭނާގެ އުމުރަކީ 17 އަހަރެވެ.
އިލާން ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން އަދާކޮށް، ޒުވާން ޓީމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. ގައުމީ ޓީމުގައި މި ވަގުތު ހުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއެކު އިލާން ވަނީ އުމުރުން 14 އަހަރުގައި ކުލަބު ވެލެންސިއާއަށް ކުޅެ، ފުރަތަމަ ޑިވިޝަނުގައި ލަނޑު ޖަހައި، ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އެންމެ ހަގު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.