ފަރުދުން
ޓޭސްޓް އޮފް ގާޒާ: ފަލަސްޠީނުގެ މީރު ރަހަތައް ރާއްޖޭގައި!

ޓޭސްޓް އޮފް ގާޒާގެ ވެރިފަރާތް އާމްނާ އަލްކުރްދީ ފޮޓޯ: ފަރުދުން
ޓޭސްޓް އޮފް ގާޒާ އަކީ، ފަލަސްޠީނުގެ މީރު ރަހަތައް ދިވެހި ދޫތަކަށް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، ފަލަސްޠީނުން ދިވެހިރާއްޖެއަށް ހިޖުރަކުރި ކުރްދީ ޢާއިލާއިން ހިންގަމުންދާ އިންސްޓަގްރާމް ޕޭޖެކެވެ. ޓޭސްޓް އޮފް ގާޒާ ގެ އުފެއްދުންތެރިޔާ، އާމްނާ އަލްކުރްދީ، "ފަރުދުން" އަށް ދިން ބަސްދީގަތުމެއްގައި ބުނީ، ކުރްދީ ޢާއިލާ ރާއްޖެއަށް ހިޖުރަކުރީއްސުރެ، އެމީހުން ކައްކާ ތަކެތި ދިވެހީންނަށް ރަހަދައްކަމުން އަންނަ ކަމަށެވެ. މިގޮތުން، އެކި އެކި ދިވެހީން ކުރްދީ ޢާއިލާގެ ގެއަށް ދަޢުވަތުދީ، ފަލަސްޠީނީ ކާނާ ރަހަބެލުމުގެ ފުރުޞަތު ކުރްދީ ޢާއިލާއިން ވަނީ ފަހިކޮށްދީފައެވެ. އާމްނާ ފާހަގަކުރި ގޮތުގައި، އާމްނާ މެންގެ ކާނާ ރަހަބެލި ހުރިހައި ދިވެހީންނަށް ވެސް އެކާނާ ވަރަށް ބޮޑަށް ކަމުދިޔައެވެ. އެހެންވެ، ފަލަސްޠީނީ ކާތަކެތި ކެއްކުމުގެ މަޝްރޫޢެއް ހިންގަން ފެށުމަށް ދިވެހީން އާމްނާ ގާތު އެދުނެވެ.
އެޙިސާބުން އަޞްލު ޓޭސްޓް އޮފް ގާޒާ ޚިޔާލަށް އައީ.
އާމްނާ ބުންޏެވެ.
އާމްނާ މެން ދިވެހިރާއްޖޭގައި ފަލަސްޠީނީ ކާނާ ތައްޔާރުކުރުމުގައި، ކައްކަން ބޭނުންވާ ތަކެތީގެ އެއްވެސް ދަތިކަމެއް ވޭ ތޯ ފަރުދުން ގެ ފަރާތުން ސުވާލުކުރިއެވެ. މިސުވާލުގެ ޖަވާބުގައި އާމްނާ ބުނީ، ޓޭސްޓް އޮފް ގާޒާ އަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ލިބެން ހުންނަ ކަމަށެވެ. އެއީ، ޢާންމުކޮށް ކައްކަން ބޭނުންކުރާ ސާމާނެވެ. ނަމަވެސް، ޣައްޒާގެ ޙަޤީޤީ ސްޕައިސެޒް ތައް އެތެރެކުރަނީ ރާއްޖޭން ބޭރުން ކަމަށް އާމްނާ މަޢުލޫމާތު ދިނެވެ. ޓޭސްޓް އޮފް ގާޒާއިން ތައްޔާރުކުރާ ފަލަސްޠީނީ ކާނާގެ ކޮލިޓީ ދެމެހެއްޓުމަށް މިއީ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ޓޭސްޓް އޮފް ގާޒާގެ މެނޫ އިން މީހުން އެންމެ ގިނައިން އޯޑަރު ކުރާ ކާއެއްޗަކީ ފަލަސްޠީނީ މަޤްލޫބާ ކަމަށް އާމިނާ ބުންޏެވެ. މަޤްލޫބާ އަކީ ތެލި ފުށުން ޖަހާފައި ކާން ޖެހޭ ޘަޤާފީ ބަތްގަނޑެކެވެ. "މަޤްލޫބާ" ގެ މާނައަކީ ވެސް "ފުށުންޖަހާފައިވާ" ނުވަތަ "Upside Down" އެވެ. ނަމަވެސް ގިނަ ދިވެހީންނަށް މިކަން ނޭނގޭތީ، ފުށުން ނުޖަހައި ކާން ފަށާ ކަން އާމްނާ ހިނިތުންވުމާއެކު ފާހަގަކުރިއެވެ.
ޓޭސްޓް އޮފް ގާޒާގެ ފޮނިކާތަކެތީގެ ތެރެއިން މިހައި ތަނަށް އެންމެ މަޤުބޫލު އެއްޗަކީ ހުރިހައި ވައްތަރެއްގެ ބަސްބޫސާ ކަމަށް ފަރުދުންނަށް އާމްނާ މަޢުލޫމާތު ދިނެވެ. ބަސްބޫސާ އަކީ ރަވާ އަޅައިގެން ތައްޔާރުކުރާ ޢަރަބި ފޮނިއެއްޗެކެވެ.

ފަލަސްޠީނީ މަޤްލޫބާ، ބަސްބޫސާ
ފަރުދުން ގެ ފަރާތުން އާމްނާ އަލްކުރްދީ ކުރެން އެހި ސުވާލެއްގައި، ފުރަތަމަ ފަހަރަށް ޓޭސްޓް އޮފް ގާޒާ ގެ ކާނާ ރަހަބަލާ މީހަކު ކާލަން އެންމެ ރަނގަޅު ޑިޝް އާ މެދު އަހާފައިވެއެވެ. މިކަމުގެ ޖަވާބުގައި އާމްނާ ބުނީ، ހުރިހައި ޑިޝްތަކުގެ މީރުކަމުން، ވަކި ޑިޝް އެއް ބުނަން ނޭނގޭ ކަމަށެވެ.
ވަކި ޑިޝް އެއް ބުނާކަށެއް ނޭނގޭ. ހުރިހައި ޑިޝްތައް ވެސް ހަމަ ވަރަށް މީރުވާނެ!
އާމްނާ ބުންޏެވެ.
ދިވެހި ޢާންމުންގެ މެދުގައި ފަލަސްޠީނަށް އޮތް ތާއީދެއްގެ ބޮޑުކަމުން، ޓޭސްޓް އޮފް ގާޒާ އަށް ދިވެހީންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެން ދިޔައެވެ. އަދި ލިބެމުން ދޭމެއެވެ. ޚާއްޞަ ގޮތެއްގައި އިސްރާއީލުން ފަލަސްޠީނުގައި މިހާރު ހިންގަމުންދާ ޢުދުވާނީ ޖަރީމާތަކުގެ ސަބަބުން، ފަލަސްޠީނަށް ދިވެހީންގެ ހިތްތަކުގައި އޮތް ލޯބި ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން، އާމްނާ މެން ފެށްޓި ޓޭސްޓް އޮފް ގާޒާ ޕޭޖަށް ގިނަ ބައެއްގެ އެއްބާރުލުމާއި ތަޢުރީފު ވަނީ ލިބިފައެވެ.
ހުރިހައި ކޮމްންޓުތައް ވެސް ވަރަށް ރަނގަޅު. ވަރަށް ހިތްވަރުދެނިވި. ފަލަސްޠީނީ ރަހަތަކުގެ މީރުކަމުގެ ވާހަކަ މީހުން ދައްކާފައި ހުންނަނީ.
އާމްނާ ބުންޏެވެ.
ނިންމާލަމުން އާމްނާ އަލްކުރްދީ ބުނީ، ރާއްޖޭގައި ބޮޑު ރެސްޓޯރެންޓެއް ހުޅުވުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. އެރެސްޓޯރެންޓުގައި ފަލަސްޠީނީ ރަހަތަކާއި ދިވެހި ރަހަތައް އެއްކޮށްލެވޭ ފަދަ ގޮތަކަށް ބައެއް ޑިޝްތައް ފަރުމާ ކުރުމަށް އޭނާ އެދޭ ކަމަށް ވެސް އާމްނާ ބުންޏެވެ. ހަމައެހެންމެ، ރާއްޖޭގައި ބާއްވާ އެކި ކަހަލަ ކެއްކުމުގެ ޙަރަކާތްތަކުގައި ބައިވެރިވެ، އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ތަފާތު މަސައްކަތްތަކެއް ކުރުމުގެ ޝައުޤުވެރިކަން އާމްނާ ވަނީ ފާޅުކޮށްފައެވެ.
ޓޭސްޓް އޮފް ގާޒާ ހިންގުމުގެ ހީވާގި މަސައްކަތް ކުރަމުން އަންނަ އާމްނާ އަލްކުރްދީ އަކީ ޙަސަން އަލްކުރްދީގެ ޒަވާޖީ ބައިވެރިޔާއެވެ. ޙަސަން އަލްކުރްދީ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް.) ގައި ޢަރަބިބަސް އުނގަންނައިދޭ ލެކްޗަރަރ އެކެވެ. މިދިޔަ އަހަރުގެ ކުރީކޮޅު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ޙަސަން އަލްކުރްދީ ބައިވެރިވެފައިވެއެވެ. އެޖަލްސާގައި ޙަސަން ދެއްކި ވާހަކައިގައި، ފަލަސްޠީނުގެ އޭރުގެ ޙާލަތު ބަޔާންކޮށްދީ، އޭނާގެ ޢާއިލާ ފަލަސްޠީނުގެ ރަފަޙުގައި ތާށިވެފައި ތިބިކަމުގެ ހިތާމަވެރި ވާހަކަ ކިޔައިދިނެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތުގައި އުފެދިފައިވީ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ވާހަކަ ޙިއްޞާކުރިއެވެ.
އެއަށް ފަހު، އޭނާގެ ޢާއިލާ ރާއްޖެ ގެނައުމަށް ޙަސަން މަސައްކަތް ކުރަން ފެށިއެވެ. މިގޮތުން، ޙަސަންގެ އަނބިމީހާއާއި ހަތަރު ކުދީން ރާއްޖެ ގެނައުމަށްޓަކައި އެކި ފަރާތްތަކުގެ މަދަދުވެރިކަމަށް އޭނާ އެދުނެވެ. އެންމެ ފަހުން، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ.) ގެ އެހީތެރިކަމާއެކު ޙަސަން އަލްކުރްދީގެ ޢާއިލާ ސަލާމަތްތެރިކަމާއެކު ރާއްޖެ ގެނެވުނީ، މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. އޭރުއްސުރެ، އެޢާއިލާއިން ހިތްހަމަޖެހުމާއެކު ރާއްޖޭގައި ދިރިއުޅެމުން ދެއެވެ.

ޙަސަން އަލްކުރްދީ ގެ ޢާއިލާ ރާއްޖެ އައުން.
ޓޭސްޓް އޮފް ގާޒާ އިން އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން، އިންސްޓަގްރާމް ގައި @tasteof.gaza ޕޭޖަށް ޒިޔާރަތްކޮށްލުމަށް ފަހު އޯޑަރު ކުރެވޭނެއެވެ. ޓޭސްޓް އޮފް ގާޒާއިން ހުޅުމާލޭ ސަރަޙައްދުގައި ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.