ފަރުދުން

ކެޕްޓަން ހުސެން ޝަފީޤް: ކަނޑުދަތުރުފަތުރުގެ ދާއިރާގައި ދައްކަވަމުން އަންނަނީ ނުގުޑާފަދަ ހިތްވަރެއް!

ކެޕްޓަން ހުސެން ޝަފީޤް: ކަނޑުދަތުރުފަތުރުގެ ދާއިރާގައި ދައްކަވަމުން އަންނަނީ ނުގުޑާފަދަ ހިތްވަރެއް!

އެމްއެސްއެސްގެ ކެޕްޓަން ހުސެން ޝަފީޤް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2026، 01:39

22 އޭޕްރީލު 2026، 01:39

ކަނޑުދަތުރުފަތުރުގެ ދާއިރާއަކީ ޢާންމުގޮތެއްގައި ގިނަ ދިވެހި ފިރިހެނުންނެއް ޙަރަކާތްތެރިވާ ދާއިރާއެކެވެ. ނަމަވެސް، މި ދާއިރާގައި ފޫހިކަމެއް ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ފަރާތްތައް މަދުކަން ފާހަގަކުރެވެއެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ ބޯޓުފަހަރުގައި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހުސެން ޝަފީޤް އަކީ މިފަދަ ދާއިރާއެއްގައި ނުގުޑާފަދަ ޢަޒުމަކާއި ހިތްވަރެއްގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ކެޕްޓަން ހުސެން ޝަފީޤް މި ދާއިރާއަށް ވަދެވަޑައިގަތުމަށް ލިބުނު ހިތްވަރާއި ތަޖުރިބާތައް ވަނީ އަޅުގަނޑުމެންނާ ހިއްސާކޮށްދެއްވާފައެވެ.

1990 ވަނަ އަހަރު އެމްއެސްއެސް އާއި ގުޅިވަޑައިގެންނެވި ޝަފީޤް ވިދާޅުވި ގޮތުގައިި، އޭނާ ކަނޑުމައްޗަށް އެރުމުގެ ކުރިން ވެސް ދިވެހިރާއްޖޭގައި އަމިއްލަ ފަރާތްތަކުގެ ޝިޕިންގ ބޯޓުތަކުގެ އިތުރުން ސަރުކާރުގެ ޝިޕިންގ ކުންފުންޏެއް ވެސް އޮތެވެ. އަދި އެ ދުވަސްވަރަކީ، އޮފިސަރުންގެ ޑިމާންޑު ވަރަށް ބޮޑަށް އޮތް ދުވަސްވަރެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ދިވެހި ޝިޕިންގ ކުންފުނީގައި ބޭރުގެ އޮފިސަރުން ގިނަވުމުގެ ސަބަބުން، ރާއްޖެއަށް މުހިންމު މިފަދަ ދާއިރާއެއްގައި ދިވެހިން ގިނަ ކުރުމުގެ ވިސްނުން އޭނާ ގެންގުޅުއްވިއެވެ. އަދި މި ކުންފުންޏާއި ގުޅިވަޑައިގަތީ ރާއްޖެއަށް ޚިދުމަތްކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޝަފީޤް ވިދާޅުވި ގޮތުގައި، މިފަދަ ދާއިރާއަކުން ކުރިއަށްދާއިރު ތަޢުލީމީ ގޮތުން ކުރިއަރާފައިވުމަކީ ވެސް މުހިންމުކަމެކެވެ. ހަމަ އެހެންމެ، ބޯޓުގައި މަސައްކަތްކުރާ ކްރޫއިންނާއި ރަނގަޅު ގުޅުމެއް ޤާއިމްކޮށް އެމީހުން އިޙްތިރާމުކުރާ ފަދަ މީހަކަށް ވުމަކީ މުހިންމު ކަމެކެވެ. މި ދިގު ދަތުރު ފެށިގެން އައި ގޮތަށް އަލިއަޅުއްވާލާ ޝަފީޤް ވިދާޅުވީ، އޭރު އެބޭފުޅުން މަސައްކަތް ކުރައްވަން ޖެހުނީ ވަރަށް ބާ ބޯޓުފަހަރުގައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރަން ޖެހޭ މަސައްކަތްތައް އިތުރުވިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ ދުވަސްވަރު ބޯޓުގެ މެއިންޓެނަންސްގެ ގިނަ މަސައްކަތްތަކެއް ދަސްވިކަމަށެވެ.

މި ދާއިރާގައި އުޅުއްވަމުން ތަޢުލީމީ ރޮނގުން ކުރިއަށް ދިޔުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާލާ ޝަފީޤް ވިދާޅުވީ، މި ދާއިރާއާއި ގުޅުނު ހިސާބުން ފެށިގެން ވެސް ބޮޑެތި ރީތި ބޯޓުފަހަރުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި ކަމަށެވެ. އަދި އެކަމަށް އޮތް ހަމައެކަނި ހުރަހަކީ އެދާއިރާއިން ތަޢުލީމު ނެތުންކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކިޔަވަން ދިޔުމުގެ ކުރިން، ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ކޮލެޖުތައް އޭނާ ބެއްލެވިއެވެ. އަދި އެންމެ ކޯސް ފީ އަގުހެޔޮ، ރަނގަޅު ކޮލެޖެއްކަމަށް ފާހަގަވީ ކޮލޮމްބޯ ނޯޓިކަލް އެންޑް އިނިޖިނިއަރިންގ ކޮލެޖް (ސިންކް) ކަމުން އޭނާ އެތަނުން ކިޔެވިއެވެ.

ސިނެކްގައި ކިޔަވަން ފެށުމަކީ، ޝަފީޤް ގެ މުޅި ކެރިއަރުގައި ވެސް އެޅުއްވުނު އެންމެ މުހިންމު އެއް ފިޔަވަޅުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ކޮލެޖުން ރަނގަޅު ތަމްރީނުތަކެއް ލިބުނު ކަމަށާއި، އެ ކަންކަމަކީ މިއަދާއި ހަމައަށް ވެސް ފައިދާކުރާ މުހިންމު ކަންތައްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އޭނާ މި ދާއިރާއިން މަސައްކަތް ކުރައްވަން ފެށިފަހުން ވަރަށް މުހިންމު ގިނަ ބަދަލުތަކެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ކުރިން ނެވިގޭޓް ކުރަމުން އައީ ޤަދީމީ ގޮތަށްކަމަށާއި، މިހާރު އޮޓޮމޮޓިކް ސިސްޓަމެއް ޤާއިމްކޮށްފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަފީޤް އަކީ، އެމްއެސްއެސް އަށް ވަޑައިގަތުމުގެ ކުރިން ޖަރުމަނުވިލާތުގެ އޯލްޑެންޑޯފް ކެރިއާޒްގެ މާސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ. އޯލްޑެންޑޯފްގައި އުޅުއްވި ދުވަސްވަރުގެ ތަޖުރިބާތައް ހިއްސާކުރައްވަމުން ޝަފީޤް ވިދާޅުވީ، އެތަނުން ދަސްވި އެންމެ މުހިންމު އެއްކަމަކީ، ކަންކަމުގައި ޒިންމާ ނަގާނެ ގޮތާއި ޒިންމާ އުފުލާނެގޮތް ކަމަށެވެ. އަދި ތަފާތު ޤައުމުތަކުގެ އެކި ޢުމުރުގެ މީހުންނާއެކު އެއް މާޙައުލެއްގައި މަސައްކަތްކުރުމުގެ ސަބަބުން، މީހުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ވަރަށް ބޮޑަަށް ދަސްވެގެންދިޔަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ،.

އެމްއެސްއެސް ގްރަފީންގެ މާސްޓަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން އަންނަ ޝަފީޤް ވަނީ، މިހާރު އޭނާ އަދާކުރަމުން އަންނަ މައިގަނޑު މަޞްއޫލިއްޔަތުތަކާއި ޒިންމާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަައެވެ. އެގޮތުން، މިހާރު އުޅޭ ބޯޓަކީ ކޮލޮމްބޯ-މާލެ އަށް ދަތުރުކުރާ ބޯޓެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ކިތަންމެ ކުޑަ ދަތުރެއް ކުރި ނަމަވެސް، ބޯޓުގައި އުޅޭ ކްރޫއިންނަށް ރަނގަޅު ޓްރެއިނިންގ އެއް ދީ އެމީހުން ބަލަހައްޓަން ޖެހޭ ކަމަށެވެ. ހަމަ އެހެންމެ، ބޯޓުގައި ހުންނަ މުދާތަކާއި ކާރގޯތަކަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި ބޯޓު ބަނދަރުތަކަށް ދާއިރު އެ ސަރަޙައްދެއްގައި ހުންނަ ލޯކަލް ޤަވާއިދުތަކަށް އިޙުތިރާމުކުރަންޖެހޭ ކަމަށާއި، ބަރާބަރަށް މެއިންޓެނަންސް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450