ފަރުދުން

މައިރާލް އަދި އީމާންގެ ހުވަފެން ޙަޤީގަތަކަށް ހަދައި، 'މިލީސް ވިސްކް' ގެ މީރު ރަހަތައް ޢާންމުންނަށް

މައިރާލް އަދި އީމާންގެ ހުވަފެން ޙަޤީގަތަކަށް ހަދައި، 'މިލީސް ވިސްކް' ގެ މީރު ރަހަތައް ޢާންމުންނަށް

މިލީސް ވިސްކްގެ އޯނަރުންކަމަށްވާ މައިރާލް އަދި އީމާން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ފެބްރުއަރީ 2026، 08:26

10 ފެބްރުއަރީ 2026، 08:26

ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެ މީހަކުވެސް ތަފާތު ހުވަފެންތައް ދެކޭނެކަން ޔަޤީނެވެ. ބައެއް ފަރާތްތަކުން  ދެކެމުން އަންނަ ޒަމާންވީ ހުވަފެންތަކުގައި ކުލަ ޖައްސާ މަންޒަރު ޢާންމުގޮތެއްގައި ފެނުނު ނަމަވެސް، ކުޑައިރުން ފެށިގެން އެކުގައި ބޮޑުވަމުން އަންނަ ދެ އެކުވެރިއެއްގެ އުންމީދީ ހުވަފެނެއްގައި ޙަޤީގީ ކުލަ ޖެހިގެން އަންނަ މަންޒަރަކީ ވިދުން ގަދަ މަންޒަރެއްކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މި ލިޔުމުގައި ބަލާލާނީ، ކުޑައިރުން ފެށިގެން އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޝައުޤުވެރިކަން ހުރި 2 އެކުވެރިންކަމަށްވާ މައިރާލް އަދި އީމާންގެ 'މިލީސް ވިސްކް'، ވިޔަފާރިއަކާ ހަމައަށް ފުޅާވި ދަތުރަށެވެ.

"ފަރުދުން" އަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި 'މިލީސް ވިސްކް' ގެ ކޯ-އޯނަރ ޢައިޝަތު މައިރާލް މުޙައްމަދު ވަނީ، އޭނާ އާއި އޭނާގެ އެކުވެރިޔާ އީމާން ތައްޔާރުކުރާ ތަކެތި މީހުންނަށް ފޯރުކޮށްދޭން ފެށުނު ގޮތާއި، އެމީހުންގެ  އަމިއްލަ ވިޔަފާރިއެއް އުފެދުނު ގޮތާއި، މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާއި، ވިޔަފާރީގައި ދިމާވާ ގޮންޖެހުންތަކާއި، އަމިއްލަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖު ހިއްސާކޮށްފައެވެ.

މިލީސް ވިސްކް އުފެދިގެން އައިގޮތަށް އަލިއަޅުވާލާ ވާހަކަދައްކަމުން މައިރާލް ބުނީ، މިއީ އޭނާއާއި އޭނާގެ "ބެސްޓް ފްރެންޑް އީމާން" ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެގޮތުން، އެންމެ ކުރިން ފެށިގެން ވެސް ޢާއިލާއިން ފާހަގަކުރާ ޚާއްޞަ ދުވަސްތަކުގަ އާއި ރޯދަ ވިއްލުންތަކަށް ޚާއްޞަކޮށް ގޭގައިއުޅޭ މީހުންގެ އެދުމުގެ މަތީން ތަފާތު ފޮނި ކާއެއްޗެހި ތައްޔާރުކުރާކަމަށް މައިރާލް ބުންޏެވެ. ހަމަ އެހެންމެ، ޢާއިލާ މީހުންގެ ފަރާތުން ލިބެމުންދިޔަ ތަޢުރީފްގެ ސަބަބުން ވިޔަފާރި އުޞޫލުން މިކަން ކުރުމުގެ ޚިޔާލު އައިކަމަށް މައިރާލް ވަނީ ބުނެފައެވެ.

އަޅުގަނޑާ އީމާން ޑިސްކަސްކޮށްގެން ހިތަށް އެރީ އާފްޓަރ ވޯކް އަވަރސް ހަމަ ކުރިއަށް ގެންދެވޭނެ ބިޒްނަސްއަކަށް އެންމެ ފަސޭހަކޮށް މިވަގުތަށް އޮތީ ޑެޒަރޓް ބިޒްނަސްއެކޭ. އެހެންވެ އަސްލު މިލީސް ވިސްކް އައިގެން އަޅުގަނޑުމެން ކުރިއަށް އައީ. އަޅުގަނޑުމެން ބިޒްނަސް އެއް ފެށުމަކީ އަޅުގަނޑާ އީމާންއާ ހަމަ ސްކޫލް ދައުރުން ފެށިގެން ދެކެމުން އައި ހުވަފެނެއް. އަލްޙަމްދުލިﷲ، މިހާރު މިއޮތީ ހުވަފެންވެސް ކާމިޔާބުވެފަ.

މައިރާލް ބުންޏެވެ.

މިލީސް ވިސްކުން މިހާތު ތައްޔާރުކުރާ ޑެޒަރޓްތަކާ ގުޅޭގޮތުން ވާހަކަދައްކަމުން މައިރާލް ބުނީ، މިވަގުތު ޖުމްލަ 3 ވައްތަރެއްގެ ތަކެތި ތައްޔާރުކުރާ ކަމަށެވެ. އެއީ ބެރީ ވެލްވެޓް، ޕިސްޓާ ކްރީމް، އަދި މިސްޓަރ މެގްނަމް އެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް ތާނގައި އިތުރު ފްލޭވަރތައް ތަޢާރަފްކުރުމުގެ ވިސްނުން ހުރިކަން ފާހަގަކުރަމުން މައިރާލް ބުނީ، މިލީސް ވިސްކުން ތައްޔާރުކުރާ ހުރިހާ ޑެޒަރޓްތަކަކީ ވެސް 'ޓިރަމިސޫ ޓައިޕް' ގެ ޑެޒަރޓްތަކެއް ކަމަށެވެ. ނަމަވެސް، ޢާންމުކޮށް މީހުން ތައްޔާރުކުރާ ޓިރަމިސޫ އާ ޚިލާފަށް މިތަކެތީގައި ކޮފީ ނުހުންނަކަމަށް އޭނާ ބުންޏެވެ.

ބެރީ ވެލްވެޓަކީ ސްޓްރޯބެރީއާ ބިޓް އޮފް ވިޕް ކްރީމް. ހަމަ ޓްރެސްލެޗޭ ލައިކްވާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ޑެޒަރޓެއް. ދެން ޕިސްޓާ ކްރީމަކީ ހަމަ ޕިސްޓާ އާ ޗޮކްލެޓް ފިއުޝަން އެއް. ދެން މިސްޓާ މެގްނަމް އިޒް ކައިންޑް އޮފް ލައިކް މެގްނަމް ފްލޭވަރއެއް.

މައިރާލް އިތުރަށް ކިޔައިިދިނެވެ.

ރާއްޖޭގައި ފޮނިކާތަކެތި ވިއްކާ ވިޔަފާރިތައް  ނުހަނު ގިނަ ނަމަވެސް، މައިރާލް ވަނީ އޭނާއާއި އެކުވެރި އީމާންގެ ވިޔަފާރި ތަފާތުވާގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން، ޓިރަމިސޫގެ އެކި ފްލޭވާތައް ހުންނަ ވިޔަފާރިތައް ގިނަވުމުގެ ސަބަބުން، ކޮފީ ބޭނުންނުކޮށް 'ޔުނިކް' ފްލޭވަރއެއް ހެދުމަށް މަސައްކަތްކުރިކަމަށް މައިރާލް ބުންޏެވެ. އެގޮތުން، އެހެން ފްލޭވަރސްތައް  ކޮމްބައިންކޮށްގެން ތަކެތި ތައްޔާރުުކުމަކީ މިލީސް ވިސްކުގެ ތަފާތުކަމެއްކަމަށް މައިރާލް ވަނީ ބުނެފައެވެ.

މީގެ އިތުރުން، ކަސްޓަމަރުން ތެރޭގައި އެންމެ މަޤްބޫލު ފްލޭވަރ އާ ގުޅޭގޮތުން ސުވާލުކުރުމުން މައިރާލް ބުނީ އެއީ 'ބެރީ ވެލްވެޓް' ފްލޭވަރ ކަމަށެވެ. އެގޮތުން، އެންމެ ގިނަ ކަސްޓަމަރުންގެ ފަރާތުން ޕޮޒިޓިވް ފީޑްބެކްތައް ލިބެނީ ވެސް އެ ފްލޭވަރއައްކަން ފާހަގަކުރަމުން މައިރާލް ބުނީ، އެ ފްލޭވަރ މީރުވުމުގެ ސަބަބުން ދެވަނަ ފަހަރަށް ވެސް އެ ގަންނާނެ ކަސްޓަމަރުން ތިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. 

ކޮންމެ ވިޔަފާރިއެއްގައި ވެސް ގިނަ ގޮންޖެހުންތަކެއް ހުންނައިރު، މައިރާލް ވަނީ ކުޑަ ވިޔަފާރިއެއްގެ ހައިސިއްޔަތުން މިލީސް ވިސްކް އަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އެގޮތުން، ޑެޒަރޓްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ވަރަށް އުނދަގޫވާކަން އޭނާ ފާހަގަކުރިއެވެ. އަދި ބޭނުންވާ ގިނަ ސާމާނު ފިހާރަތަކުން ނުލިބުމުގެ ސަބަބުން އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ހޯދަންޖެހޭ ފަހަރު ވެސް އަންނަކަމަށް މައިރާލް ބުންޏެވެ.

އަޅުގަނޑުމެން ކަހަލަ ކުދި ވިޔަފާރިތަކަށް އަސްލު ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ މިކަހަލަ ރަނގަޅު ބްރޭންޑްގެ ޕްރޮޑަކްޓްސް ނޫނީ ހަމަ އަޅުގަނޑުމެން މި ބޭނުންވާ ވެރައިޓީސް ބޮޑަށް ފަސޭހަގޮތަށް މާކެޓުގަ ލިބެންހުރިއްޔާ. 

މައިރާލް ބުންޏެވެ.

މައިރާލް ވަނީ، އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް އޭނާ އާއި އެކުވެރި އީމާންގެ ފަރާތުން އަގުހުރި ނަޞޭޙަތެއް ދީފައެވެ. އެގޮތުން، ކޮންމެ ކަމެއް ވެސް ފަށައިގަތުމުން ކުރިއަށްދާނެ މަގު ފެންނާނެ ކަމަށާއި، ވިޔަފާރިއެއް ފަށާނަމަ ކުރިއާލާ ރަނގަޅު ޕްލޭން އެއް ހެދުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރިއެވެ. އަދި އަމިއްލައަށް ނުވާނެއޭ ހިތަށް އަރާ އެއްވެސް ކަމެއް ނުފަށާ ނުހުރުމަށް މައިރާލް ވަނީ ނަޞޭޙަތްތެރިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450