Ads by Stelco

ޚަބަރު

ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލަތަކެއްގައި ދެމީހަކު ހައްޔަރުކޮށްފި

ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލަތަކެއްގައި ދެމީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި 2 މީހުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ސެޕްޓެމްބަރު 2025، 02:59

07 ސެޕްޓެމްބަރު 2025، 02:59

މީހެއްގެ ބަރަހަނާ ވީޑީއޯ ހުރިކަމަށް ބުނެ ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލަތަކެއްގައި ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން، ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން، ހުޅުމާލެ ފޭސް 1 ގައި އެމީހުން ދިރިއުޅޭ އެޕާޓްމަންޓަކުން އެ ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، 3 މޯބައިލްފޯނު، 3 އަތުކުރީގަޑި، 1 ޑްރޯން، 1 ދޮށި، 2 އަވިއައިނު، އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށާއި، އެޕާޓްމަންޓުން 6 ވަޅި ވެސް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން، މުޙައްމަދު ޟަމީރުއާއި، ޢަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލައެއް ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. މި މައްސަލަތަކާއި ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން