Ads by Stelco

ޚަބަރު

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

"ރައްކާ" ޕްރޮގްރާމް ގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ސެޕްޓެމްބަރު 2025، 03:47

07 ސެޕްޓެމްބަރު 2025، 03:47

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އައްޑޫ ސިޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ނިމިދިޔަ އޮގަސްޓު މަހުގެ 23 އިން މިހިނގާ ސެޕްޓެމްބަރު މަހުގެ 5 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، މި ޕްރޮގްރާމުގެ ތެރެއިން އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭގޮތަށް މައުލޫމާތު ދިނުމުގެ ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް މަރަދޫ ސްކޫލު، އިރުޝާދިއްޔާ ސްކޫލު، ފޭދޫ ސްކޫލު، ސ. އަތޮޅު މަދަރުސާ، ނޫރާނީ ސްކޫލު، ހިތަދޫ ސްކޫލު އަދި ޝަރަފުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން، ސްކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް 225 ދަރިވަރުން ތަމްރީނުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެެވެ.

ހަމަ މިއާއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތާއި، އެއްގަމު ދަތުރުފަތުރު ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމާއެކު މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދީ ސެލްފް ޑިފެންސް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅުމަގާއި ބައިސްކަލު ދުއްވާއިރު އަދި އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު އެ ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަން ކިޔައިދީފަވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ސެޝަންތަކުގައި 2251 ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ސްކޫލުތަކުގެ ބެލެނިވެރިންނާއި ކައުންސިލުތަކާއި ޓެކްސީ ޑްރައިވަރުންނަށް ވެސް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީ، އަދި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި، އެކްސިޑެންޓުތައް މަދުކުރުމަށް ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މި ސެޝަންތަކުގެ ތެރެއިން 1267 މީހުންނަށް މައުލޫމާތު ދީފައިވާއިރު، މަގުމަތީގައި ކުރިއަށް ގެންދިޔަ ފަހިރާސްތާ ޕްރޮގްރާމުގެ ތެރެއިން ވެސް ރައްޔިތުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރަށްރަށުގެ ކައުންސިލުތަކާއި، ސްކޫލުތަކާ،އި އެހެނިހެން އިދާރާތަކުގެ އިތުރުން، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން