ޚަބަރު
ޤައުމީ ތަރައްޤީގެ ޕްލޭން އަންނަ ޖެނުއަރީ މަހު އިފްތިތާޙް ކުރަނީ

ޤައުމީ ތަރައްޤީގެ ޕްލޭންއާއި މެދު މަޝަވަރާކުރެވުން
2045 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ތަރައްޤީގެ މިސްރާބު ކަނޑައަޅާ "ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭންގެ ޑްރާފްޓް މަސައްކަތްތައް ނިންމާ، އަންނަ ޖެނުއަރީ މަހު އިފްތިތާޙުކުރުމަށް ވަނީ ހަމަޖެހިފައިވާކަަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މި 20 އަހަރުގެ ޕްލޭންގެ މަސައްކަތުގެ ތެރެއިން މިހާރު ގެންދަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އަތޮޅުތަކަށް ދަތުރުތައް ކުރަމުންނެވެ. މިގޮތުން ޕައިލެޓް މަސައްކަތުގެ ގޮތުގައި ކ. ގުރައިދޫއަށް ދަތުރުކޮށް، އެރަށުގެ މުއައްސަސާތަކާއި ރައްޔިތުންގެ މަޝްވަރާ ވަނީ ހޯދާފައެވެ.
ސަރުކާރުން މި މަސައްކަތް ވިލަރެސްކުރި ނަމަވެސް، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ނެކްސިއާ މޯލްޑިވްސްއިންނެވެ. ނެކްސިއާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރަށްރަށަށް ދަތުރުކޮށް ރައްޔިތުންނާއި ހިއްސާދާރުންގެ ޚިޔާލު ހޯދުމަށް 10 ޓީމު އަތޮޅުތަކުގައި ހަރަކާތްތެރިވާނެއެވެ. އަދި ތިން ހަފްތާގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 180 ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދުމުގެ މަސައްކަތް ނިންމާލެވޭނެއެވެ.
ވިލުންތެރި ރާއްޖެ ޓީމުން ހާމަކުރެއްވި ގޮތުގައި އެއްކުރެވޭ މަޢުލޫމާތުތަކާއި ޚިޔާލުތަކަށް ބިނާކޮށް، އޮކްޓޯބަރު މަހުގެ ފަހުކޮޅު މަތީ ފަންތީގެ މަހާސިންތާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަހާސިންތާގައި އެއްކުރެވުނު ހުރިހާ މަޢުލޫމާތެއް ހުށަހެޅޭނެއެވެ.
ޖެނުއަރީ މަހު އިފްތިތާޙުކުރާ ޕްލޭންގައި ހިމެނޭ ކަންކަން ތަރުތީބުކުރުމުގައި ރާއްޖެއިން ބޭރުގެ ފަސް ތަޖުރިބާކާރުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި މާލީ، އިޤްތިޞާދީ، އާބާދީއަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ ގުޅޭ ޑާޓާ އެނަލައިޒްކުރާ ސްޕެޝަލިސްޓުން ހިމެނެއެވެ.
މި ޕްލޭން ޖެނުއަރީ މަހު އިފްތިތާޙުކުރުމަށްފަހު، ޤާނޫނީ ބާރުވެރިކަން ދިނުމުގެ ކުރިން ރައްޔިތުންގެ ރުހުން ހޯދުމުގެ މަރުހަލާއެއް ކުރިއަށް ގެންދެވޭނެއެވެ. އަދި މި ހުރިހާ މަރުހަލާއެއް ނިމުމުން ޖޫން މަހު ރަސްމީކޮށް އިފްތިތާޙުކޮށް ޢަމަލުކުރަން ފެށޭނެއެވެ.