ޚަބަރު
ވަޒީފާގެ ބާޒާރާ ގުޅޭ ތަފާސްހިސާބު އެއްކުރުމަށް ސާރވޭއެއް ފަށަނީ
2024 ވަނަ އަހަރުގެ ލޭބަރ ފޯސް ސަރވޭ ފޮޓޯ:ސްޓެޓިސްޓިކްސް މޯލްޑިވްސް
ހުލާސާ
މި ސަރވޭ ކުރިއަށް ގެންދާނީ ގްރޭޓަރ މާލެ ސަރަހައްދުގެ ރެންޑަމްކޮށް ހޮވާލެވޭ ގޭބިސީތަކުގަ
ސްޓެޓިސްޓިކްސް މޯލްޑިވްސްއިން 2024 ވަނަ އަހަރުގެ ލޭބަރ ފޯސް ސަރވޭ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ސަރވޭ ފެށުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2024 ގައި ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މި ސަރވޭ ކުރިއަށް ގެންދާނީ ގްރޭޓަރ މާލެ ސަރަހައްދުގެ ރެންޑަމްކޮށް ހޮވާލެވޭ ގޭބިސީތަކުގައެވެ. ލޭބަރ ފޯސް ސަރވޭއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ މުހިންމު ތަފާސްހިސާބު އެއްކުރުމަށް ކުރެވޭ ޤައުމީ ސަރވޭއެކެވެ.
މި ސަރވޭއިން އެއްކުރެވޭ މަޢުލޫމާތުގެ ތެރޭގައި މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތާއި، މަސައްކަތް ލިބިފައިނުވާ އާބާދީގެ ނިސްބަތް ފަދަ ވަޒީފާގެ ބާޒާރާ ގުޅޭ އިންޑިކޭޓަރުތައް ހިމެނެއެވެ. މީގެ އިތުރުން މީހުންގެ އާންމު މަޢުލޫމާތު، ހިޖުރަކުރުން، ތަޢުލީމު، ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލު، އަދި ހިލޭސާބަހަށް ކުރާ މަސައްކަތުގެ ތަފްސީލުވެސް ހޯދޭނެއެވެ.
ސްޓެޓިސްޓިކްސް މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި މި ސަރވޭއަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން ހުއްދަ ލިބިގެން ކުރެވޭ ސަރވޭއެކެވެ. އަދި މި ސަރވޭއިން އެއްކުރެވޭ މަޢުލޫމާތު ބޭނުންކުރެވޭނީ ހަމައެކަނި ތަފާސްހިސާބުގެ ބޭނުމަށް ކަމަށާއި، ވަކި ފަރުދެއް ނުވަތަ ގޭބިސީއެއްގެ މަޢުލޫމާތު ސިއްރުގެ ގޮތުގައި ހިފެހެއްޓޭނެ ކަމަށް އެ އިދާރާއިން ޔަގީންކޮށްދީފައިވެއެވެ.
ސްޓެޓިސްޓިކްސް މޯލްޑިވްސްއިން ވަނީ މި މުހިންމު ޤައުމީ މަސައްކަތުގައި އާންމުންގެ އެއްބާރުލުން އެދިފައެވެ. އަދި މި ސަރވޭއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 3008400 ނަންބަރު ފޯނަށް ގުޅުމަށާއި، އެ އިދާރާގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މަޢުލޫމާތު ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ.
މިސާރވޭއަށް ގޭބިސީތަކުން އެއްބާރުލުން ދެއްވުމަކީ މިބިއުރޯގެ ވަރަށްބޮޑު އެދުމެކެވެ.https://t.co/2ohx9Nfu4w pic.twitter.com/cY3KFIVakn
— Statistics Maldives (@statsmaldives) October 28, 2024