ދުނިޔެ
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާދެއްވައިފި

އިސްތިއުފާ ދެއްވި ބޮޑުވަޒީރު ޝިގެރު އިޝިބާ---
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިޝިބާ އިސްތިއުފާ ދެއްވައިފައިމިވަނީ ފަހުގެ އިންތިޚާބުތަކުގައި ވެރިކަންކުރާ ލިބެރަލް ޑިމޮކްރަޓްސް ޕާޓީ (އެލްޑީޕީ)އަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހި ޤާނޫނުހަދާ މަތިގެ އާއި ތިރިގޭގެ އަޣުލަބިއްޔަތު ގެއްލިފައި ވަނިކޮށެވެ.
އިޝިބާ މަޤާމުން އިސްތިޢުފާ ދެއްވާފައި ވަނީ އެމެރިކާއާއެކު މުހިންމު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ފަހުގައެވެ. އެ އެއްބަސްވުމުގެ ދަށުން ޖަޕާނުން ވަނީ އެ ޤައުމުން އެމެރިކާއަށް އެތެރެކުރާ އުޅަނދުތަކުން ނަގައި ޑިޔުޓީ ކުޑަކުރުމުގެ ބަދަލެއްގެ ގޮތުގައި އެމެރިކާއަށް 550 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް އެއްބަސްވެފައެވެ. އިޝިބާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ބޮޑު ގޮންޖެހުމަކުން މިހާރު ސަލާމަތްވެވިފައިވާ ކަމަށާއި، އޭނާގެ އިސްތިޢުފާއަށް ފަހު ވެެރިކަން ބަދަލުކުރުމުގެ ކަންކަން އޮމާންކޮށް ކުރިއަށް ދާނެކަމަށް އުއްމީދު ކުރައްވައި ކަމަށެވެ. އިންތިޚާބުތަކުގައި ލިބިފައިވާ ނާކާމިޔާބީގެ ޒިންމާ އުފުއްލަވާ ކަމަށް ވެެސް އޭނާ ވިދާޅުވިއެވެ.
އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުގެ ކުރިން، އެމެރިކާއާއެކު ވެވުނު ޓެރިފް އެއްބަސްވުން ރަނގަޅަށް ތަންފީޒުކުރެވޭކަން ޔަޤީންކުރަން ބޭނުންވާކަމަށްވެސް އޭނާ ވިދާޅުވެފަައިވެއެވެ.
އެލްޑީޕީގެ ރައީސްކަމަށް އާ ބޭފުޅަކު އިންތިޚާބުކުރެވެންދެން އިޝިބާ ބޮޑުވަޒީރުކަމުގައި ދެމިހުންނަވާނެއެވެ. މިއީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިސާދު އޮތް ޤައުމުގެ ސިޔާސީ ހަމަނުޖެހުން އިތުރުވެގެންދާނެ ކަމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
އުމުރުން 68 އަހަރުގެ އިޝިބާ ވޭތުވެދިޔަ އޮކްޓޯބަރުގައި މަޤާމާ ހަވާލުވެވަޑައިގަތް ފަހުން، ޕާލިމަންޓުގެ ދެ މަޖިލީހުގައިވެސް ކޯލިޝަންގެ އަޣުލަބިއްޔަތު ގެއްލިގެން ދިޔައެވެ. ދިރިއުޅުމުގެ އަގުތައް މައްޗަށް ދިއުމާމެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ދިމާވި ހުރަސްތަކާއެކު، އިޝިބާގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ދަތިތަކާ ކުރިމަތިވިއެވެ.