ދުނިޔެ
ހަނގުރާމައަށް 700 ދުވަސް، ޣައްޒާއަށް 68 ބިލިއަން ޑޮލަރުގެ ގެއްލުން

ޣައްޒާގެ ހަލާކުވެފައިވާ އިމާރާތެއް
ހަނގުރާމައަށް 700 ދުވަސް ފާއިތުވެފައިވާއިރު ޣައްޒާއަށް 68 ބިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވެފައިވާކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ހިނގަމުންދާ ހަނގުރާމައިގައި 700 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ޣައްޒާގެ އިންފްރާސްޓްރަކްޗަރގެ 90 އިންސައްތަ ވަނީ ހަލާކުވެފައެވެ. މި ގެއްލުންތައް ވަނީ އިޤްތިޞާދީ ހުރިހާ ދާއިރާއަކަށް ކުރިމަތިވެފައެވެ.
މީޑިއާ އޮފީހުގެ ޑިރެކްޓަރ އިސްމާޢީލް އަލް-ޘަވާބިތާ ވިދާޅުވި ގޮތުގައި، މިހާތަނަށް ހިސާބުކުރެވިފައިވާ ގެއްލުންތަކަކީ ވަގުތީ އަދަދުތަކެކެވެ. އަދި ހަނގުރާމަ ދެމިގެންދާތީ، ނުސީދާކޮށް ލިބޭ ގެއްލުންތައް މީގެ ތެރޭގައި ނުހިމެނެއެވެ. އިސްރާއީލީ ހަނގުރާމައިގެ އާލާތްތަކުން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 300 އިމާރާތް އަންނަނީ ހަލާކުކުރަމުންނެވެ.
ރިހެބިލިޓޭޝަން އެންޑް ރީކޮންސްޓްރަކްޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 161,000 އަށްވުރެ ގިނަ ގޭބިސީ މުޅިން ހަލާކުވެ، 194,000 ގޭބިސީއަށް އެކި މިންވަރުގެ ގެއްލުން ވެފައިވެއެވެ. މީގެއިތުރުން 137 ސްކޫލާއި ޔުނިވަރސިޓީ މުޅިން ހަލާކުވެ، 357 ތަނަކަށް އެކި މިންވަރުގެ ގެއްލުން ވެފައިވެއެވެ. ހަމަމިއާއިއެކު 38 ހޮސްޕިޓަލް ވަނީ ހަލާކުވެ، 832 މިސްކިތް މުޅިން ހަލާކުވެފައިވެއެވެ.
މީގެއިތުރުން ޣައްޒާގެ އިންސާނީ ހާލަތު ވަނީ ނުހަނު ބޮޑަށް ގޯސްވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން 382 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 135 ކުޑަކުދިން ހިމެނެއެވެ. ޣައްޒާގެ ހާލަތު މިހާރު ވަނީ ހުރިހާ ގޮތަކުން ވެސް ކާރިސާއަކަށް ވެފައެވެ. އިންފްރާސްޓްރަކްޗަރ މުޅިން ހަލާކުވެ، އިންސާނީ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ.
މި ހާލަތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކުއްލި އެހީތެރިކަން ބޭނުންވެފައިވާކަން މި ރިޕޯޓުން ފާހަގަކުރެއެވެ. އަދި ހަލާކުވެފައިވާ ތަންތަން އަލުން އިމާރާތްކުރުމަށް ވެސް ބޭރުގެ އެހީތެރިކަން ކޮންމެހެން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.