ޚަބަރު
އެއާރޕޯޓުގެ އެމެޖެންސީ އެކްސަސައިޒަކާ ގުޅިގެން ސިނަމާލެ ބްރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

ސިނަމާލެ ބުރިޖުން ބަންދުކުރާ ލޭންތައް ރަތް ކުލައިން ފާހަގަކޮށްފައި---

ފަރުދުން
07 ސެޕްޓެމްބަރު 2025، 11:04
07 ސެޕްޓެމްބަރު 2025، 11:04
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅިގެން ސިނަމާލެ ބްރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
އެގޮތުން ސިނަމާލެ ބްރިޖުގެ އެއަރޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ވަނީ ނިންމައިފައެވެ. އަދި މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވާނެކަމަށް އެއަރޕޯޓުން ހާމަކުރެއެވެ.
އެއަރޕޯޓުން ހާމަކޮށްފައިވާ ގޮތުގައި އެފެކްސްގެ ބޭނުމަކީ އެއަރޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާރލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. މި އެކްސަސައިޒްގެ ޕާރޓްނަރެއްގެ ގޮތުގައި މި ފަހަރު ހަރަކާތްތެރިވާނީ ގަތަރު އެއާވޭސްއެވެ.
އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
ވީއައިއޭގައި މިފަދަ އެކްސަސައިޒެއް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުއެވެ. މި އަހަރުގެ އެފެކްސްގައި 32 އިދާރާއަކުން ބައިވެރިވެއެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތުން ބައިވެރިވެފައިވެއެވެ.