ކުޅިވަރު
އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް މުބާރާތުން ރާއްޖޭގެ ދެ ފެތުންތެރިއަކު ތިންވަނަ ހޯދައިފި

އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް މުބާރާތުން ތިންވަނަ ހޯދި ލޫތު އާއި މަޢާދު---
ތައިލެންޑުގައި މި މަހުގެ 6-7އަށް ކުރިޔަށްދިޔަ އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް ޝޯޓްކޯސް މުބާރާތުން ރާއްޖޭގެ ލޫތު މުޙައްމަދު ޙުސައިން އާއި އިބްރާޙިމް މަޢާދު ސާޖިދު ތިންވަނަ ހޯދައިފިއެވެ.
ބެންކޮކްގައި ކުރިޔަށްދިޔަ މި މުބާރާތުގައި ރާއްޖޭގައި ފެތުމުގެ އެކަޑަމީއެއް ހިންގަމުން އަންނަ ނިއު ލެގޭންސްގެ ގިނަ ފެތުންތެރިންތަކެއް ވަނީ ވާދަކޮށްފައެވެ. އަދި މީގެ ތެރެއިން އެންމެ ރަގަޅު ކާމިޔާބީތައް ހޯދި ލޫތު އާއި މަޢާދު ވަނީ ކޮންމެ ފެތުންތެރިޔަކު ފަސް ރަން މެޑަލް ހޯދާފައެވެ.
އުމުރުން 16 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ލޫތު ވަނީ އިންޑިވިޖުއަލް ހަތަރު އިވެންޓުން ރަން މެޑަލް ހޯދައިފައެވެ. އަދި ނިއު ލެގޫންސްއިން ރިލޭގައި ވާދަކުރި ޓީމުގައި ވެސް އޭނާ ހިމެނެއެވެ. އެ ރިލޭ އިވެންޓުގައި ޓީމާއެކު ލޫތު ވަނީ އޭނާގެ ފަސްވަނަ ރަން މެޑަލްއަކީ ހޯދާފައެވެ.
މަޢާދު ވާދަކުރީ 18 އަހަރުން ދަށުގެ ކެޓަގަރީގައެވެ. އެ ކެޓަގަރީން އޭނާއަށް ތިންވަނަ ލިބުނީ އިންޑިވިޖުއަލް ހަތަރު އިވެންޓުން ރަން މެޑަލް ހޯދައިގެންނެވެ. އޭނާ ހޯދި ފަސްވަނަ ރަން މެޑަލްއަކީ ވެސް ރިލޭ ޓީމުގައި ހިމެނިގެ ހޯދި މެޑަލްއެކެވެ.
މި މުބާރާތުގައި ނިއު ލެގޫންސްގެ ޖުމްލަ 41 ފެތުންތެރިއަކު ވަނީ ވާދަކޮށްފައެވެ. އެ ކްލަބުގެ ފެތުންތެރިން ވަނީ ޖުމްލަ 35 އިންޑިވިޖުއަލް މެޑަލް ހޯދައިފައެވެ. އެއީ 11 ރަން މެޑަލް، ހަތް ރިހި މެޑަލް އަދި 17 ބްރޯންޒް މެޑަލްއެވެ. އަދި ރިލޭ އިވެންޓުތަކުން ހޯދި ކާމިޔާބާއެކު މެޑަލްތަކުގެ އަދަދު 37އަށް އަރައެވެ.
ބެންކޮކްގެ އެސަމްޝަން ޔުނިވަސިޓީގެ އަކްއާޓިކް ސެންޓަރުގައި ބޭއްވި މުބާރާތުގައި ނިއު ލެގޫންސްގެ އިތުރުން، ރާއްޖޭގެ ކްލަބް ބޮޑު ރިޔާ އާއި އަކުއާ ފިނާގެ ފެތުންތެރިން ވެސް ވާދަކުރިއެވެ.