ކުޅިވަރު
ދުނިޔޭގެ އެއްވަނަ ބަލިކޮށް އަލްކަރާޒް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

ޔޫއެސް އޯޕަން ކާމިޔާބު ކުރުމަށްފަހު އަލްކަރާޒް ތަށި އުފުލާލަނީ---
ދުނިޔޭގެ އެއްވަނައަށް ސީޑްކޮށްފައިވާ އިޓަލީގެ ޖެނިކް ސިނާރ ބަލިކޮށް ސްޕެއިންގެ ކާލޯސް އަލްކަރާޒް ޔޫއެސް އޯޕަން ކާމިޔާބުކޮށްފިއެވެ. މި މުބާރާތާއެކު ކާމިޔާބާއެކު މިހާރު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއަކީ ވެސް އަލްކަރާޒްއެވެ.
މިދިޔަ މަހު އޮތް ސިންސިނާޓީ އޯޕަން ފައިނަލަށް ވެސް ދަތުރުކުރީ މި ދެ ކުޅުންތެރިންނެވެ. ނަމަވެސް ސިނާރއަށް އަނިޔާވުމުން އޭނާ އަލްކަރާޒްއަށް މެޗު ދޫކޮށްލާފައެވެ.
ޔޫއެސް އޯޕަން ފައިނަލަކީ މި ދެކުޅުންތެރިން މި ސީޒަންގައި ކުޅުނު ހަތަރުވަނަ ފައިނަލެވެ. އޭގެތެރެއިން ފްރެންޗް އޯޕަން އާއި އިޓާލިއަން އޯޕަން އަދި ސިންސިނާޓީ އޯޕަންގެ ތަށި އުފުލާލީ އަލްކަރާޒްއެވެ. ސިނާއަށް ކާމިޔާބުކުރެވިފައި ވަނީ ހަމައެކަނި ވިމްބަލްޑަންއެވެ.
ރޭގެ މެޗު ބެލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަޑައިގެންނެވިއެވެ.
މެޗުގެ ފުރަތަމަ ސެޓު 6-2އިން ކާމިޔާބުކުރީ އަލްކަރާޒްއެވެ. ނަމަވެސް ސިނާ ވަނީ ދެވަނަ ސެޓު 3-6އިން ކާމިޔާބުކޮށްފައެވެ.
މެޗުގައި އަނބުރާ ލީޑު ހޯދުމަށް އަލްކަރާޒް ކުރި މަސައްކަތުން ޖެހިގެން އައި ދެ ސެޓު 6-1 އަދި 6-4އިން ކާމިޔާބުކުރީ އޭނާއެވެ.
މިއީ 2022 ވަނަ އަހަރަށްފަހު އަލްކަރާޒް މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
އަލްކަރާޒް، ކެރިއަރުގެ ހަ ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރިއިރު، އޭނާ އަކީ ބްޔޯން ބޯގްއަށްފަހު މިހާ ހަގު އުމުރެއްގައި މި އަދަދަށް ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.
އަދި ރޭގެ ކާމިޔާބާއެކު، ދުނިޔޭގެ ރޭންކިން އެއް ވަނައިގައި 65 ހަފްތާ ވަންދެން އޮތް ސިނާގެ ރެކޯޑަށް ނިމުމެއް އައީއެވެ.