ޚަބަރު
އެޗް.އާރް.ސީ.އެމް. ގެ މެމްބަރުކަމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި

އެޗް.އާރް.ސީ.އެމް. ގެ މެމްބަރުކަމަށް ދެ ބޭފުޅަކު ޢައްޔަންކުރެއްވުން. ފޮޓޯ: ރައީސް އޮފީސް.

ފަރުދުން
08 ސެޕްޓެމްބަރު 2025، 12:32
08 ސެޕްޓެމްބަރު 2025، 12:32
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗް.އާރް.ސީ.އެމް.) ގެ މެމްބަރުކަމުގެ މަޤާމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު، އަދި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް މެމްބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެޗް.އާރް.ސީ.އެމް. ގެ މެމްބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަންކުރެއްވުމުގެ ކުރިން، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންނަށް މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ރަސްމީކޮށް ޙަވާލުކުރައްވާފައެވެ.
އެޗް.އާރް.ސީ.އެމް. އެކުލެވިގެންވަނީ ޖުމްލަ 5 މެމްބަރުންގެ މައްޗަށެވެ. އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންގެ އިތުރުން މިހާރު ކޮމިޝަންގައި ތިއްބަވާނީ: އެކޮމިޝަންގެ ރައީސާ މަރިޔަމް މުނާއާއި، ސަމާޢު އަޙްމަދު ނަޖީބުގެ އިތުރުން އިސްމާޢީލް ޙަބީބެވެ.
ދައުރު ހަމަވެފައިވަނީ ކޮމިޝަންގެ ނާއިބު ރައީސް މޫމިނާ ވަޙީދާއި، މެމްބަރު އާމިނަތު ޝިފާތު ޢަބްދުއްރައްޒާޤުގެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު ޢައްޔަންކުރެއްވި ދެ ބޭފުޅުން ޢައްޔަންކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލުގެ މަތިންނެވެ.