Ads by Stelco

ޚަބަރު

ދަނޑުވެރިކަމުން ތަކެތި އަގުއެއްކޮށްގެން އުފެއްދުމަށް ޚާއްސަ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ނިމިއްޖެ

ދަނޑުވެރިކަމުން ތަކެތި އަގުއެއްކޮށްގެން އުފެއްދުމަށް ޚާއްސަ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ނިމިއްޖެ

ދަނޑުވެރިކަމުން ތަކެތި އަގުއެއްކޮށްގެން އުފެއްދުމަށް ޚާއްސަ ފެސިލިޓީ ފޮޓޯ: ގޮއިދޫ ކައުންސިލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ސެޕްޓެމްބަރު 2025، 12:51

08 ސެޕްޓެމްބަރު 2025، 12:51

ދަނޑުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ހޯދުމުގެ މަޤްޞަދުގައި، ށ. ގޮއިދޫގައި ދަނޑުވެރިކަމުން ތަކެތި އަގުއެއްކޮށްގެން އުފެއްދުމަށް ޚާއްސަ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ނިމިއްޖެއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި މަސައްކަތަކީ، ޒުވާނުންނާއި އަންހެނުންނަށް ދަނޑުވެރިކަމުގެ ދާއިރާގައި އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

މި ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތަކީ ޔޫއެންޑީޕީން ޖަޕާނު ސަރުކާރުގެ އެހީއާއި ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ "ލައިވްލިހުޑް އެންހެންސްމަންޓް އޮފް ސްމޯލް ސްކޭލް ފާރމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރޯބިޒްނަސް ފޯކަސިން އޮން ވެލިޔު ޗެއިން ޑިވެލޮޕްމަންޓް" މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން، ފެސިލިޓީގެ އޮނިގަނޑުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ފެސިލިޓީއަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، އިމްޕޯޓަށް ބަރޯސާވުން މަދުކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. ގޮއިދޫގައި ޤާއިމުކުރެވޭ މި ފެސިލިޓީއަކީ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް އަގުއެއްކޮށް، އިތުރު އުފެއްދުންތައް އުފެއްދުމަށް މަގުފަހިކޮށްދޭނެ ތަނެކެވެ. މިގޮތުން، ދިވެހި ދަނޑުބިންތަކުގައި ހައްދާ ކާބޯތަކެތީގެ ބާވަތްތައް ބައިނަލްއަޤްވާމީ މާކެޓްތަކުގައި ވިއްކުމުގެ ފުރުސަތު ލިބި، ދަނޑުވެރިންނަށް އެކަށީގެންވާ އަގު ލިބި، އާމްދަނީ އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.

ށ. ގޮއިދޫއަކީ ރާއްޖޭގެ ފުރަތަމަ އެމްގެޕް (މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް) ސެޓިފައިޑް ދަނޑުވެރިން ތިބި ރަށެވެ. އެމްގެޕް ސެޓްފިކެޓަކީ، ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކާބޯތަކެތި އުފައްދާކަން ކަށަވަރުކުރުމަށް ތަޢާރަފުކުރެވުނު ސްކީމެކެވެ. މިފަދަ ރަށެއްގައި މިފަދަ ފެސިލިޓީއެއް ޤާއިމުކުރުމަކީ ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ހަރުދަނާވެ، ދަނޑުވެރިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން